ބާރްތީ އާއި އަރްޗަނާ، ކަޕިލްގެ ޝޯގައި ގަދަ ހިފުމަކަށް ދަނީބާ؟
ސޮނީ ޓީވީން ދައްކާ "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ ހެއްވާ މަޖާ ޝޯއެއް ނަމަވެސް، އެޝޯއަކާއި ބެހޭގޮތުން ދުވަސްކޮޅު ކޮޅުން ވަރަށް ގިނަ ހަމަނުޖެހުންތައް ވެސް ފެންމަތިވާ ޝޯއެކެވެ.
އެގޮތުން ކުރިން އެޝޯގެ އެއް ކާސްޓު ކަމުގައިވާ މަޝްހޫރު ކޮމީޑިއަން ސުނީލް ގްރޯވަރާއި ޝޯގެ ހޯސްޓު ކަޕިލް ޝަރްމާ އާއި ދެމެދު ޖެހުނު މައްސަލައެއްގައި ސުނީލް ވަނީ އެޝޯ ދޫ ވެސް ކޮށްލާފައެވެ. އަދި އޭނާ އާއެކު "މާމަަ" އަކަށް ވެގެން އުޅުނު އަލީ އަސްގަރް ވެސް ކަޕިލް ޝަރްމާ ޝޯ ދޫކޮށްލިއެވެ.
އެއަށްފަހު ދުވަސްތަކެއް ވަންދެން ޝޯއަށް ލިބުނު ތަރުހީބު ވަރަށް ބޮޑަށް ވެއްޓުމަށްފަހު ދެން ލިބުނު އަނެއް ހައިރާން ކުރުވަނިވި ޚަބަރަކީ، ކަޕިލް ޝަރްމާ ޝޯގެ ބޮޑު ގޮނޑީގައި ގިނަ އަހަރުތަކެއް ވަންދެން އިން ސިއްދޫ ވެސް އެޝޯއަށް އަލްވަދާއު ކިޔާފައި ދިޔުމެވެ.
ނަމަވެސް އެހުސްކަން ފުރާލުމަށް ޝޯ އާއި ގުޅުނީ ކަޕިލްގެ ކޮމެޑީ ޙަޔާތް ކުރިއެރުމުގައި އެމީހެއްގެ އަތެއް ވެސްވާ އަރްޗަނާ ޕޫރަން ސިންގް އެވެ. އޭނާގެ ކޮންޓްރޯލް ނުވާ ހިނިގަނޑާއެކު ޝޯއަށް އަނެއްކާ ވެސް ތަރުހީބު އޮހެމުން ދިޔައެވެ.
ނަމަވެސް އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ކަޕިލް ޝަރްމާ ޝޯގެ އަނެއް ބައިވެރިއެއް ކަމަށްވާ ބާރްތީ ސިންގް މިފަހަކަށް އައިސް ދަނީ އަރްޗަނާ އާއި ދިމާލަށް ނުސީދާކޮށް ނުރުހުމުގެ ބަސްތައް ބުނަމުންނެވެ.
އެގޮތުން ދާދި ފަހުން އެޝޯއަށް މެހެމާނެއްގެ ގޮތުގައި މަނޯޖް ތިވާރީ އާއި ރަވީ ކިޝަން ދިޔުމުން ބާރްތީ ވަނީ އަރްޗަނާ އާއި ބެހޭގޮތުން މަޖާ ނޫން ޖޯކު ތަކެއް ޖަހާފައެވެ.
އެޝޯގައި ރަވީ ކިޝަން އަރްޗަނާ އަށް ތައުރީފުކޮށް އޭނާގެ ފިލްމެއްގައި ވެސް ކުރިން އަރްޗަނާ މަސައްކަތް ކުރި ވާހަކަ ވަނީ ފާހަގަ ކޮށްފައެވެ. އަދި މަނޯޖް އާއެކު އަރްޗަނާ ނެށިކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
މަނޯޖްގެ ކްރިކެޓް ޓީމުގައި ބާރްތީ ބައިވެރިކޮށް ދިނުމަށް އޭނާ އެދުމުން މަނޯޖް އެހީ ބާރްތީ އަށް ކްރިކެޓް ކުޅެން އެނގޭތޯ އެވެ. އެއަށް ރައްދު ދެމުން އަރްޗަނާ އަށް އިޝާރާތް ކޮށްފައި ބާރްތީ ބުނީ އަރްޗަނާ އަށް ވެސް ނަށަން ނޭނގޭ ކަމަށާއި ނަމަވެސް މަނޯޖް އޭނައާއި ހެދި މޮޔަވި ކަމަށެވެ.
މީގެއިތުރުން ބާރްތީ ބުނެފައިވަނީ ސިއްދޫ ގެ ގޮނޑި އަރްޗަނާ އަތުލި ގޮތަށް އެގޮނޑި ހިސާރު ކޮށްގެން އިން ކަމަށާއި އޭނާއަކީ ހުނުމުގެ އިތުރުން މަސައްކަތެއް ކުރާ މީހެއް ނޫން ކަމަށެވެ.
ބާރްތީގެ އެބަސްތަކަށް އަރްޗަނާ ރައްދެއް ނުދިން ނަމަވެސް، މަޖަލަށް ކަމަށް ހަދާފައި ދެއްކި އެވާހަކަތަކަށް އޭނާ ނުއެއް ހެއެވެ.