ބޮޑުކުރެވުނު މުސާރަ ދަނީ ދެމުން: ޕޮލިސް

ފުލުހުންގެ މުސާރައާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.
ފުލުހުގައި މަސައްކަތްކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސް މުސާރައިގެ 85 އިންސައްތަ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޑިސެމްބަރު މަހާ ހިސާބަށް ނުދޭކަން ހާމަވެއްޖެ ކަމަށްބުނެ ރާއްޖޭގެ ނޫހަކުން ވަނީ އިއްޔެ ރިޕޯޓްކޮށްފަ އެވެ.
އެ ހަބަރާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ކަނޑައެޅި ގޮތަށް ބޮޑުކުރެވުނު މުސާރާ އުނިއިތުރު ކަމެއް ނެތި ދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ، ސްޕެޝަލް ކޮންސްޓެބުލަރީގެ ހިދުމަތަކީ، އާންމު ފުލުހުންނާ ހިލާފަށް، އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމުގެ ދަށުން ދެވޭ ހިދުމަތެއް ކަމަށެވެ. އެހެންކަމުން ސްޕެޝަލް ކޮންސްޓެބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެ މީހުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުންދާ ކަމަށެވެ.
އަދި ސްޕެޝަލް ކޮންސްޓެބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
