ރޯދަ މަހަށް އެއްގެއިން އަނެއްގެއަށް ތަކެތި ހަދިޔާ ކުރަން އެޗްޑީސީން ކެމްޕޭނެއް ފަށައިފި

ރޯދަ މަހަށް އެއްގެއިން އަނެއްގެއަށް ތަކެތި ހަދިޔާ ކުރަން އެޗްޑީސީން ކެމްޕެއިންއެއް ފަށައިފި އެވެ.
"އެއްގެއިން އަނެއްގެއަށް" ނަމުގައި ކުރިއަށް ގެންދާ އެ ކެމްޕެއިނަކީ، ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިންއެއް ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި އެ ޕްރޮގުރާމް ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެތި ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ ފެބްރުއަރީ 16 ވަނަ ދުވަހު ކަމަށާއި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
އެ ޕްރޮގްރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން ފާހަގަކުރެވެ އެވެ.