އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމާ މެދު ދެކޭގޮތް ބަލަނީ

ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަަލަން ސާވޭއެއް ކުރުމަށް ނިންމާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ރޭ ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ 5 އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ އެ ސާވޭ ކުރިއަށް ގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ސާވޭ ކުރިއަށް ގެންދާނެ ގޮތެއް ނުވަތަ ސާވޭގައި ބަލާނެ ކަންކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެ ޖަލްސާގައި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށްވެސް ވިދާޅުވި އެވެ. ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދުއަށް ބަދަލުކޮށްދޭންށެވެ. ތުލުސްދޫ އަށް ބަދަލުވާން ބޭނުންވަނީ އެ ރަށަަކީ މާލެ ކައިރިގައިވާ ރަށަކަށްވާތީ އެވެ.
ރޭގެ ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ އެ މިނިސްޓްރީން ކުރެވުނު މަސައްކަތްތަކުގ ސަބަބުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ކައުންސިލަކީ ވެސް މިއަދު މި ވުޒާރާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ.
"ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ މުޅި ރާއްޖެ ތަރައްގީކުރުމުގައި، ހާއްސަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް މުހިންމު ދައުރެއް އަދާކުރަން" އޭނާ ވިދާޅުވި އެވެ.