އަނިޔާ ލިބެމުންދާ އަންހެނެއްގެ މައްސަލަ ނުބަލާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި
ކުރީގެ ފިރިމީހާގެ ފަރާތުން އަންހެނަކަށް އަނިޔާ ލިބެމުންދާ މައްސަލައެއް ހުށަހެޅުމުން ވެސް ނުބެލި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެކަމާ ގުޅިގެން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އަނިޔާ ލިބެމުންދާ އަންހެން މީހާގެ ގާތް އެކުވެރިޔެކެވެ.
އެ އަންހެން މީހާ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އަނިޔާ ލިބެމުންދަނީ މީގެކުރިން ކައިވެންޏެއްކޮށް ވަރިކޮށްފައިވާ އަންހެނަކަށް ކަމަށެވެ.
އަނިޔާ ލިބެމުންދާ އަންހެން މީހާގެ މަންނަ އަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެހެންވެ އޭނާ ހުންނަނީ ގުރައިދޫ މަރުކަޒުގައި ބަހައްޓާފައެވެ. އަނިޔާ ލިބެމުންދާ އަންހެންމީހާ ވަންނާނެ އިތުރު ތަނެއް ނެތެވެ.
އެހެންވުމުގެ ސަބަބުން އެ އަންހެން މީހާ ދިރިއުޅެނީ ކުރީގެ ފިރިމީހާގެ ގޭގައި ދަރިން ބެލުމަށެވެ. އެގޭގައި އުޅޭއިރު ކުރީގެ ފިރިމީހާ އާއި އެގޭގެ މީހުން އޭނާ އަށް ވަރަށް އަނިޔާ ކުރާ ކަމަށް އޭނާގެ އެކުވެރިޔާގެ ޕޯސްޓުގައިވެއެވެ.
އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށާއި ފުލުހުންގެ އިދާރާ އަށް ހުށަހެޅިނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްޗެއް ނުބުނެއެވެ.