އުފާވެރިކަން އިތުރުކުރުމުގައި ބަހާއި ސަގާފަތަށް އިސްކަންދޭން ޖެހޭ: ސާޖިދާ
ގައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ބަހާއި ސަގާފަތަަށް އިސްކަންދޭން ޖެހޭކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުފާވެރިކަން މިންކުރުމުގެ ގޮތުން "ހެޕިނެސް އިންޑެކްސް" އިފްތިތާހުކުރުމަށް ބޭއްްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސާޖިދާ ވިދާޅުވީ އެފަދަ ކަމެއް ރާއްޖޭގައި އިފްތިތާހުކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
އަދި މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ބަލައި ވަޒަން ކުރާކަމެއް ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކަށް ހިންގާ ގައުމުތަކުގައި ހާއްސަކޮށް އެކަން ބަލައި ކަށަވަރުކުރާ ކަމަށެވެ.
ސާޖިދާ ވިދާޅުވީ ގައުމެއްގައި އުފާވެރިކަން އަށަގަންނުވުމުގައި އެ ގައުމެއްގެ މާދަރީ ބަހާއި ސަގާފަތުގެ އިތުރުން ތަރިކައާއި ފަންނު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ
އަދި ދުނިޔޭގެ ގައުމުތަކުގައި އެ ދާއިރާއަށް އިސްކަމެއްދޭ އެއް ސަބަބަކީ ޒަމާނުއްސުރެ އެ ބައެއްގެ މާދަރީ ބަހުން އުފެދިފައި ހުންނަ މޮޅު ރީތި ޅެންތަކާއި ކިޔައިފައި ހުންނަ ޖޯކުތަކާއި އުފަންވެފައި ހުންނަ ހިކުމަތްތެރި އަދި ބުއްދިވެރި ވާހަކަތަކާއި ބުނުންތައް ފަދަ އަދަބީ އުފެއްދުންތަކުން އުފާ ލިބިގަތުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށްވާތީ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
އަދި އިލްމީ ގޮތުން ބަލާއިރުވެސް ފިކުރީ އުފާވެރިކަން ލިބިގަނެވަނީވެސް ހަމައެކަނި މާދަރީ ބަހުންކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
"ވީމަ ގައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި ބަހާއި ސަގާފަތަށް އިހުތިރާމްކޮށް އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުން މުހިންމު" ސާޖިދާ ވިދާޅުވި އެވެ.