ކޮވިޑް-19: ބައެއް ދިވެހިންނަށް ރޭކާވެސް ނުލާ!
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގެ އިގްތިސާދު އެންމެ ބޮޑަށް ހީނަރުވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކޮށްފައިވަނީ މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. ބަލަބަލާ ތިއްބާ ދުނިޔޭގެ އާރުލާ ގައުމުތަކުގެ އިގްތިސާދު އެދަނީ ހީނަރުވަމުންނެވެ. މި ކުޑަކުޑަ ވައިރަހުން ސަލާމަތްވުމަށް، ގައުމުތައް ނުކުޅެދިފައިވާއިރު، ވައިރަހުގެ އަސަރު އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެއަށްވެސް މިވަނީ ކޮށްފައެވެ. މިހާތަނަށް ހަތަރު ދިވެއްސަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ފުލް ގިއަރުގައި މަސައްކަތް ކުރަމުންނެވެ. ހާލަތާއި ގުޅޭ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެދަނީ އަޅަމުންނެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފިއެވެ. ރާއްޖެއަށް އެތެރެވާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ފެށިއްޖެއެވެ. މުއްދަތެއް ނެތް ގޮތަށް މާލޭ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގަން އަންގައިފިއެވެ. ހޮޓާ ރެސްޓޯރެންޓްތަކާއި ޓޭކް އަވޭގެ ހިދުމަތްދޭ ތަންތަން އުސޫލެއްގެ ދަށަށް ފައްތާ އެތަންތަނުން ހިދުމަތް ދެވޭނެ ގަޑިތަކެއް އާންމުކޮށްފިއެވެ.
މިކަންކަމުގެ އިތުރުން، ސަރުކާރުގެ މުވައްޒަފުންނަށް މުސާރައާއެކު ބޮޑު ބަންދެއްވެސް ދީފިއެވެ. ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައް ބަންދު ކޮށްފިއެވެ. މި ހުރިހާ ކަމެއް ކުރުމުގެ އޮތީ ހަމަ އެންމެ ބޭނުމެވެ. ކޮވިޑް-19 އިން ރައްކާތެރިވުމެވެ. އެ ވައިރަސް ފެތުރުމުގެ ފުރުސަތު ހަނި ކުރުމެވެ. ވައިރަހުގެ ސަބަބުން ހީނަރުވެފައިވާ އިގްތިސާދު އަލުން ކޮޅަށް ޖެހުމެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގެ ސިއްހީ މާހިރުންނާއި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު އެކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ. އިޖުތިމާއީ ގައިދުރުކަމަށް އިޖާބަދީ ގިނަ ރައްޔިތުން ވަނީ ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ނުކުމެ އުޅުމުން އަމިއްލައަށް މަނާވެގެންފައެވެ. މިއީ އަޅުގަނޑުމެން މި ދައްކާ ފަރުދީ ޒިންމާގެ ވާހަކައެވެ. ކޮންމެ މީހެއްގެ ފުލުގައި ފުލުހެއް ނުބެހެއްޓިނަމަވެސް ސަރުކާރުގެ އެންގުންތަކަށް ކަމޭ ހިތަން އެބަޖެހެއެވެ. ސަރުކާރުން އައިސް ތިބާގެ ލަފުގައި ހިފައި މިކަމަކީ މަނާކަމެކޭ ބުނުމުގެ ކުރިން އަމިއްލައަށް އިސްނަގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެބަޖެއެވެ.
ކޮވިޑް-19 އާ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅައި މިހާލަތުގައިި އާންމު ރައްޔިތުންނަށް ލުއިތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނައިރު ކަހާތާ ހިރުވާވެސްނުލާ ބައެއް ދިވެހިން އެބައުޅެއެވެ. ކޮވިޑް-19އަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނުދެކޭ ބައެއް ދިވެހިން އެބައުޅެއެވެ. ސަރުކާރު ބަންދުކުރުމުން ލިބުނު ޗުއްޓީގައި ފުރަފުރައިގެން ވެކޭޝަނަށް އެތައް ދިވެއްސަކު މިހާރުވެސް ގޮސްފިއެވެ. މަސްދަތުރުތަކާއި، ޕިކްނިކްތަކަށް ގޮސް އެއުރެން އެމަޖާ ނަގަނީއެވެ. ބިރުގެ ކަންފުޅެއްވެސް ނެތިއެވެ. މަގުތަކަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްހީ މާހިރުންނާއި، ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އެވަނީ ގޮވާލައިފައެވެ. ނަމަވެސް ފެންނަމުންދަނީ އެ ގޮވާލުމަށް އިޖާބަ ނުދީ މަދު ބަޔަކު މިހާރުވެސް މަގުތަކުގައި ހޭލަމޭލައަށް އުޅޭކަމެކެވެ. ފިނިބުރު ޖެހުމުގައްޔާއި، ގުރޫޕް ގުރޫޕް ހަދައިގެން ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގައި ސަޅިބައިސާ ކެނޑުމުގައި ވަގުތު ހޭދަކުރާ މަންޒަރެވެ.
ކޮވިޑް-19 އިން އެންމެ އަވަހަށް ސަލާމަތްވި ޗައިނާއާއި ޖަޕާނު ފަދަ ގައުމުތަކަށް މި ބަލިން އަރައިގަނެވުނީ އެގައުމުގެ ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން ކަމޭ ހިތުމުންނެވެ. އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމުންނެވެ. ދީލަތިކަމުގެ އަތްތަކުން އަނެކާއަށް އެހީތެރިވެދިނުމުންނެވެ. ފަރުދީ ޒިންމާ ނެގުމުންނެވެ. އެހެންކަމުން އަޅުގަނޑުމެން ދިވެހިންނަށްވެސް މިވަގުތު އެންމެ މުހިންމީ ފަރުދީ ޒިންމާ ނެގުމެވެ. އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ސިއްހީ މާހިރުންގެ ބަސް އެހުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ކެރިގެން ނުކުމެ ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭށެވެ. ހެޔޮނުވާނެއެވެ. ސަރުކާރާއި ސިއްހީ މާހިރުންގެ ބަސް މިވަގުތަށް އަހާށެވެ. ނޫންނަމަ ފަހުން ނަގާ ރާޅު ފަހަރުގައި ބޮޑުވެފައި ނުރައްކާވުންވެސް އެކަށީގެންވެއެވެ.