ކާފިއުގެ ވަގުތުގައި މަގުމަތީގައި އުޅުނު 95 ފަރާތަކަށް ނަސޭހަތްތެރިވެފައިިވޭ: ފުލުހުން
ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުން މަނާކޮށްފައިވާ ވަގުތުގައި މަގުމަތީގައި އުޅުނު 95 ފަރާތަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
ފުލުހުން ބުނީ އެ ވަގުތުގެ ތެރޭގައި މާލޭގެ މަގުމަތިން ޖުމްލަ 95 މީހުންނަށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 82 ދިވެހިންނާއި 13 ބިދޭސީންނެވެ.
މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.