ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރަން ސިވެކްއާއެކު އެއްބަސްވުމެއް
![](https://dhen.mv/wp-content/uploads/2025/02/photo_2025-02-11_16-33-37-850x548.jpg)
އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރު އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތަމްރީން ދޭން ނިންމި ދާއިރާތަކުގެ ތެރޭގައި ބޭސިކް ފަސްޓް އެއިޑާއި ފަޔާ އެވެއާނެސް އަދި އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ތަމްރީން ދޭން ނިންމާފައިވާ އިތުރު ދާއިރާތައް
- ސުވިމިން އެންޑް ރެސްކިއު
- ލައިފް ކޯޗިން
- ފަޔާ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީތެރިވުން
- އިންޖީނުގެތަކުގައި ގާއިމުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރުން
އޭގެ އިތުރުން ސްޓެލްކޯއިން ކުރިއަށް ގެންދާ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަ ނުކުރާ ހުރިހާ މުވައްޒަފުން ސިވެކްގެ އެހީގައި އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ވެސް އަމާޒު ހިފައިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ލީޑާޝިޕް ޕްރޮގްރާމްގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މޫދަށް ވެއްޓުނު މީހަކު ސްޓެލްކޯގެ މުވައްޒަފަކު ގޮސް ނެގި ހާދިސާއާއި ޓްރާންސްފޯމަރުން ވައްކަންކުރަން ވަން މީހުންނާ ކުރިމަތިލި މުވައްޒަފުންނަށް އިޝާރާތްކުރައްވައި ފަހުމީ ވިދާޅުވީ އެ ހުރިހާ މުވައްޒަފުންނަކީވެސް ލީޑާޝިޕް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި މުވައްޒަފުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، އަދި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައި ވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް." ފަހުމީ ވިދާޅުވި އެވެ.