ލައިފްސްޓައިލް

މާޒީގެ ފޮޓޯތައް ފޯނުން ފޮހެލިޔަސް ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތައް ފޮހެލާނީ ކިހިނެއް؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަހަރެންގެ ދިރިއުޅުމުގައި ވެސް ތަފާތު ތަޖުރިބާތަކެއް ކުރެވިއްޖެއެވެ. އެކުރެވުނު ކޮންމެ ތަޖުރިބާއަކީ ވެސް ތަފާތު ތަޖުރިބާއެކެެވެ. އެއިން ކޮންމެ ތަޖުރިބާއެއްގެ ވެސް ކުލައާއި ރަހަ ތަފާތެވެ. ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އެންމެ މުހިއްމު އެކައްޗަކީ ލޯތްބެވެ. އެއެއްޗެެއްގެ ދަލުގައި ޖެހި އިންސާނާ ހަލާކުވެގެން ދާކަމަށް ގިނަ ބަަޔަކު ސިފަ ކުރާ "އިޝްގީ" ލޯތްބެވެ.

އަހަރެންގެ ދިރިއުޅުމުގައި އަހަރެން ކުއްޖަކުދެކެ އިންތިހާއަށް ލޯބިވީމެވެ. ހިތާއި ފުރާނައިން އެ އަންހެން ކުއްޖާ ދެކެ އަހަރެން ލޯބިވީމެވެ. އެ އަންހެން ކުއްޖާއަށް ޓަކައި ޖާނާއި މާލުން ފިދާވާން ވެސް އަހަރެން ހުރީ ތައްޔާރަށެވެ. ދެމީހުން އެކުގައި ކޮންމެ ދުވަހަކުމެ އެތައް ދުވަހެއް ހޭދަކުރީމެވެ. ދެމީހުން އެކަކު އަނެކަކަށް އެތައް ކަމެއް ހިއްސާ ކުރީމެވެ. ދެމީހުން އެކުގައި މުސްތަގުބަލު އާރާސްތުކުރާނެ ގޮތްތައް ރޭވީމެވެ.

ދެމީހުން އެކުގައި އެތައް ހަނދާންތަކެއް މާޒީވެފައި އެބަ ހުއްޓެވެ. ދެމީހުން ދުވަހުގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ އެކުގައެވެ، ހެނދުނު ހޭލައިގެން ދެމީހުން އޮފީހަށް ދަނީ އެކުގައެވެ. އަހަރެން ކޮންމެ ދުވަހަކުމެ އޮފީހަށް ދަނީ އޭނާ އޮފީހަށް ލައިދީފައެވެ. ކޮންމެ ދުވަހަކުމެ އަހަރެމެން ދެމީހުން ސައިބޯން ދަނީ އެކުގައެވެ. ހެނދުނުގެ ނާސްތާ އަބަދު ވެސް ނަގަނީ އެކުގައެވެ.

އޮފީސް ނިންމާ ގެއަށް ވެސް ދަނީ އެކުގައެވެ، އޭނާ ގެއަށް ލުމަށްފަހުގައި ނޫނީ އަހަރެން ގެއަކަށް ނުދަމެވެ، އަހަރެންނަށް އޭނާ އެކަނި ގެއަށް ފޮނުވަން އުނދަގޫ ވާތީއެވެ. ދެމީހުން ރޭގަނޑު މާލޭގެ އެކި މަގުތަކުގައި ފިނިބުރު ޖަހަން އުޅޭ ހަނދާން ވެސް އިއްޔެވީ ކަމެއްހެން އަހަރެންގެ ހިތުގައި ހުރެއެވެ. ދެމީހުން އެކުގައި އަދި އެންމެ ފަހަރަކު ނަމަވެސް ރޭނގަޑުގެ ކެއުން ކާލެވޭނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ.

ކަންތައްތައް ބަދަލުވާާން ފެށީ ހަމަ ކުއްލިއަކަށެވެ. އަހަންނާއި އަހަރެންގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ޖެހެން ފެށީ ނުބައި ނުލަފާ ބައެއްގެ ރޭވުމެއްގެ ސަބަބުންނެވެ. ބައެއްގެ ނުބައި ނުލަފާ މުޑުދާރު އަމަލެއްގެ ސަބަބުންނެވެ. ބަޔަކު ދެއްކި ހަގީގަތެއް ނެތް ވާހަކަތަކެއްްގެ ސަބަބުންނެވެ. އަހަރެމެން ދެމީހުންގެ ދޭތެރެއަށް ވަނީ އަހަރެމެންގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އެންމެ ކައިރީގައި އުޅެފައި އަހަރެމެން ދެމީހުންގެ އުފާތައް ފޭރިގަތީ ހަމަ އެ މީހުންނެވެ.

މިއަދު އަހަރެމެން ދެމީހުން އެކުގައި އާރާސްތު ކުރި ލޯބީގެ ގަނޑުވަރު މިވަނީ ބިމާ ހަމަވެފައެވެ. މިއަދު އަހަރެމެން ދެމީހުންނަކީ ބީރައްޓެހިންނަށް މިވަނީ ވެފައެވެ. އެކުގައި ނަގާފައިވާ ފޮޓޯތަކާއި އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތައް ފޯނުން ޑިލީޓް ކޮށްލައިފީމެވެ. ނަމަވެސް އެ ހަނދާންތަކަކާ އަހަންނަކަށް ދުރެއް ނުވެވުނެވެ.

އަދިވެސް އަހަރެން ލޯބިވަނީ އޭނާ ދެކެއެވެ. ނަމަވެސް މާޒީގައި ކަންތައްތައް ވެފައިވާ ގޮތުން ދެމީހުންނަށް ވެސް އެކަކު އަނެކަކާ ގުޅުމަށް ވަނީ ނުކުޅަދާނަ ވެފައެވެ. މަސައްކަތް ކުރެވެނީ ދެމީހުން ވެސް އެމީހެއްގެ ދިރިއުޅުމާއެކު ކުރިއަށް ދިއުމަށެވެ. ދެމީހުންވެސް އެމީހެެއްގެ އަމިއްލަ ނައުގައި ދިރިއުޅުމުގެ ކަނޑުގައި ދަތުރު ފެށުމަށެވެ. ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް އަހަރެން އޭނާދެކެ ވާ ލޯބި އަހަރެންގެ ހިތުގައި ގައިދުކޮށްފީމެވެ. އެކުގައި ހޭދަވި ދުވަސްތަކާއި ހަނދާންތައް އަހަރެންގެ ހިތުގެ ކަނެއްގައި ފޮރުވައިފީމެވެ. އަހަރެންގެ ފޯނުން ޑިލީޓް ކޮށްލައިފީމެވެ.

ސުވާލަކީ އަހަރެންގެ މާޒީގެ ފޮޓޯތައް ފޯނުން ފޮހެލިކަމުގައި ވިޔަސް ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތައް ފޮހެލާނީ ކިހިނަކުން ހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!