އެޗްޑީސީގެ އިސްވެރިންތަކެއް މަގާމުން ވަކިކޮށްފި

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިންތަކެއް މަގާމުން ވަކިކޮށްފި އެވެ.
އެޗްޑީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދުއާއި ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން މަގާމުން ވަކިކޮށްފައިވާކަން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ "ދެން" އަށް މިރޭ ޔަގީންކޮށްދީފަ އެވެ.
ވަކި ކުރި ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ރަޝީދު މިިދިޔަ ޑިސެމްބަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ފަޒުލް އިސްތިއުފާ ދެއްވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައިގައި ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށެވެ.
އެ މައްސަލައިގައި ބޯޑުގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް އޭރު ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަހުން އެ ބޭފުޅުންގެ ސަސްޕެންޝަން އުވާލި އެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލައިގައި ފުލުހުން މިހާރު ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ.
