އެމްޓީސީސީގެ ސީއޯއޯއަކަށް ސިނާން އައްޔަންކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް އެ ކުންފުނީގެ ބޯޑު މެމްބަރަކަށް ކުރިން ހުންނެވި ސިނާން އަލީ އައްޔަންކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ފުރަތަމަ ހުންނެވީ އެމްޓީސީސީގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ. ބޯޑު މެމްބަރުކަމުން ވަކިކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޗެއާމަންގެ މަގާމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އައްޔަންކުރި އެވެ. އެހެންނަމަވެސް ތިން ދުވަހަށް ފަހު އެ މަގާމުން ވަކިކޮށް އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށް ބަދަލުކުރި އެވެ.
އެފަހުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ބޯޑު މެމްބަރަކަށް ސިނާން ހަމަޖެއްސި އެވެ. އެ މަގާމުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވަކިކުރި އެވެ.
އެމްޓީސީސީގެ ބޯޑު މެމްބަރުގެ މަގާމަށް ސިނާން ތިން ވަނަ ފަހަރަށް އައްޔަންކުރީ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ބޯޑު މެމްބަރު ކަމުގެ ދައުރު މި މަހުގެ ފަސް ވަނަ ދުވަހު ހަމަވުމާ އެކު، މަގާމުން ވަނީ ވަކިވެފަ އެވެ. އެ އާއެކު އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާން ވަނީ އައްޔަންކޮށްފަ އެވެ. މަގާމަށް އޭނާ އައްޔަންކުރީ ހުސްވި ހަފުތާގެ އަންގާރަ ދުވަހު ކަމަށް އެ ކުންފުނީގެ އޮފިޝަލަކު "ދެން" އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ސިނާންއަކީ ނޫސްވެރިއެކެވެ. "މިއަދު" ނޫހުން މަސައްކަތް ފަށައި "ހަވީރު" އާއި "ސަން އޮންލައިން" އަދި "ސަން ޓީވީ" ގައި ވެސް މަސައްކަތް ކުރެއްވި އެވެ. އޭގެފަހުން "ވަން އޮންލައިން" ގެ ނަމުގައި އަމިއްލަ ނޫހެއް 2018 ވަނަ އަހަރު އުފެއްދެވި އެވެ. "ވަން މީޑިއާ ގްރޫޕު" ގެ ސީއީއޯގެ މަގާމުގެ އިތުރުން އޭނާއަކީ ނޫހުގެ އެޑިޓަރެވެ.