ހިތްހެޔޮކަމަކީ ބީރުންނަށް ވެސް އަޑުއިވޭ އަދި ކަނު މީހުންނަށް ވެސް ފެންނަ ބަހުރުވައެކެވެ.
ހިތްހެޔޮ ކަމަކީ ކޮބައި ބާވައެވެ؟ މީހެއްގެ މައްޗަށް ހިތްހެޔޮ ކުރުމަކީ ކޮބައި ބާވައެވެ؟ ހިތްހެޔޮ ކަމާއެކު ކުރާ އަމަލުތަކަކީ ކޮބައި ބާވައެވެ؟ މިހުރީ ހުސް ސުވާލެވެ. ހިތްހެޔޮކަމުގެ މާނަ ދިވެހިބަހުގެ ރަދީފުގައި އޮތީ "މީހުންގެ މައްޗަށް ލޯބިހުރިކަން، އޯގާވެރިކަން" މިހެންނެވެ. އާނއެކެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީހިނދު އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާވެރިވާން ޖެހެއެވެ. އެކަކު އަނެކަކަށް އަޅާލަން ޖެހެއެވެ. މީހެއްގެ މައްޗަށް ހިތްބުރަ ކަމެއް ބާއްވާކަށް ނުވާނެއެވެ. މީހެއްގެ މައްޗަށް ހިތްހެޔޮ ކުރުމަކީ އެއީ އެވެ.
މިއީ އަޅުގަނޑަށް މީސްމީޑިއާއިން ފެނުނު އިނގިރޭސި ބަސްކޮޅެއްގެ ތަރުޖަމާއެވެ. މި ބަސް ފެނުމުން މި ބަހާމެދު އަޅުގަނޑަށް ވަރަށް ފުންކޮށް ވިސްނާލެވުނެވެ. ހިތްހެޔޮކަމަކީ ހަމަ ހަގީގަތުގަައިވެސް ބީރުންނާ ވާހަކަ ދެއްކިދާނެ ބަހުރުވައެއްކަން މިކަމާމެދު ވިސްނާ ފިކުރު ކޮށްލުމުން އެނގިއްޖެއެވެ. އަދި ހަމައެހެންމެ ކަނު މީހުންނަށް މި ބަހުުރުވަ ފެނި މި ބަހުރުވަ ކިޔަން އެނގޭނެކަން ވެސް އަޅުގަނޑަށް މިކަމާމެދު ވިސްނާލުމުން އެނގުނެވެ. ނަމަވެސް އެހެން ވާންވީ ކިހިނަކުންތޯ ހިނދުކޮޅަކަށް ވިސްނާލަމާ ހެއްޔެވެ؟
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ހިތްހެޔޮކަމުގެ އަަމަލުތައް ވަރަށް ނުފެނެއެވެ. އެކަކު އަނެކަކަށް އެހީވާ ތަނެއް ނުފެނެއެވެ. މީހަކަށް އެހީވިޔަސް އެހީވާތަން ފެންނަނީ އަމިއްލަ ކޮންމެވެސް އެދުމެއް އޮވެގެންނެވެ. އާނއެކެވެ. އެދުމެއްނެތި ވެދުމެއް ކުރާނީ މިއަދު މަދު މީހެކެވެ. ނަމަވެސް ހިތްހެޔޮކަމަކީ ތިމާއަށް އަނެކުންގެ ލޯބި ލިބޭ ކަމެކެވެ. އަނެކުން ތިބާއަށް ކުރާ އިހްތިރާމް އެތައް ގުނައަކަށް އިތުރުވެގެން ދާ ކަމެކެވެ.
ނިކަން ވިސްނާ ފިކުރުކޮށްލަބަލާށެވެ. މަގެއްގެ މަތީގައި މަގުއޮޅި ދާނޭ ދިިމާލެެއް ނޭނގިފައި ހުރި ކަނު މީހަކަށް ތިމާ އެހީތެރިވެއްޖެނަމަ އެ ކަނު މީހާގެ ހިތުގައި ތިބާއަށް ޓަކައި ލޯބި ނުއުފެދޭނެ ހެއްޔެވެ؟ ތިބާއަށް އެމީހާގެ ހެޔޮދުއާ ނުލިބޭނެ ހެއްޔެވެ؟ ތިބާގެ އެ ހިތްހެޔޮކަމަށް ޓަކައި އޭނާ ހިތުގެ ފުންމިނުން ޝުކުރުވެރި ނުވާނެ ހެއްޔެވެ؟
ވިސްނާ ފިކުުރުކޮށްލައިފިނަމަ މި ހުރިހާ ސުވާލެެއްގެ ޖަވާބެއް ވެސް ލިބޭނެއެވެ. ތިބާގެ އެ ހިތްހެޔޮކަމުގެ، އޯގާވެރިކަމުގެ ލާމަސީލު އަމަލު އޭނާގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، ހަގީގަތުގައި ތިބާގެ އަމަލުގެ މަތިވެރިކަމާއި މާތްކަން އޭނާއަށް ފެންނާނެއެވެ. ތިބާގެ އެ މަތިވެރި އަމަލުގެ ސަބަބުން އޭނާ ތިބާއަށް ކުރާ އިހްތިރާމް އިތުުރުވެގެން ދާނެއެވެ. ހަމަ ހަގީގަތުގައިވެސް ކުރު ގޮތަކަށް ދަންނަވާނަމަ ތިބާއަށް ހިތްހެޔޮކަމުގެ ކުޑަކުޑަ އަމަލެއްގެ ޒަރީއާއިން އެ ކަނު މީހާއާ އެބަ ވާހަކަ ދެއްކެއެވެ. އެކަނު މީހާއަށް އެތައް އެއްޗެއް އެބަ ބުނެދެވެއެވެ.
އަދިވެސް ވިސްނާލަބަލާށެވެ. އަޑު ނީވޭ ބީރު މީހެއްގެ ގާތަށް ތިބާ ގޮސް އޭނާއަށް ހިނިތުންވެލުމުން ވެސް އޭނާގެ ހިތަށް ތިބާއަށް އިހްސާސް ނުކުރެވޭ ފަދަ ހިތްހަމަޖެހުމެއް ލިބިދާނެއެވެ. އަދި ތިބާ އިޝާރާތުންނާއި އެކި ގޮތްގޮތުން އޭނާއާ ހިތްހެޔޮކަމާއެކު ވާހަކަ ދައްކަން މަސައްކަތްކުރާނަމަ އޭނާގެ ހިތުގައި ތިބާއަށް ޓަަކައި ލޯބި އުފެދޭނެއެވެ. ތިބާއަށް އޭނާ އިހްތިރާމް ކުރާނެއެވެ. އަދި ތިބާއަކީ އެހެން މީހުންނަށް އަޅާލާ ހިތްހެޔޮ، އެހެންމީހުންނަށް ރަހުމު ކުރާ މީހެއްކަން އެނގިގެން ދާނެއެވެ.
ބީރު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާ ދޭތެރޭ ނިކަން ވިސްނާލަބަލާށެވެ. އިޝާރާތުގެ ބަހުން އެ ކުދިންނާ ވާހަކަ ދައްކާއިރު އެކުދިންނަކީ ނުކުޅެދޭ ކުދިންކަމެއް އެކުދިންނަށް އިހްސާސްވެސް ނުވާނެއެވެ. އެ ޓީޗަރުން އެކުދިންނަށް އެހާވެސް އޯގާތެރިއެވެ. އެކުދިންނާ ދޭތެރޭ އަމަލުތައް ބަހައްޓަނީ އެހާވެސް ހިތްހެޔޮ ކޮށެވެ. އެހެންކަމުން އެކުދިންނަށް އެ ޓީޗަރުންގެ އެ ހިތްހެޔޮކަމުގެ ބަހުުރުވަ އެބަ އަޑު އިވެއެވެ.
ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. މި ދުނިޔޭގައި ތިބާ މީހަކަށް ކަމެއް ކޮށްދޭންވީ ތިބާއަށް ވާނެ ފައިދާއަކަށް ވިސްނުމަށްފަހުގައެއް ނޫނެވެ، ފައިސާތަކެއް ޚަރަދު ނުކުރި ނަމަވެސް ހިތްހެޔޮކަމާއި އޯގާވެރިކަމާއެކު ތިބާއަށް އެހެން މީހުންނަށް ކޮށްދެވޭނެ އެތައް ކަމެއް ހުންނާނެއެވެ. "ހިތްހެޔޮކަމުގެ" މާތް ސިފަ އަޅުގަނޑުމެންގެ ގައިގައި ހަރުލައްވަމާ ހިނގާށެވެ. އޭރުން ހިތްހެޔޮކަމުގެ "ބަހުރުވަ" އިން އަޅުގަނޑުމެންނަށް ބީރު މީހުންނާއި އަދި ކަނު މީހުންނާ ވެސް މުހާތަބު ކުރެވޭނެއެވެ.
އަޝްރަފް އަށް ދަންނަވަމެވެ. ރަނގަޅު ގޮތަކީ “އޯގާވެރި ވުން” ނުވަތަ “އޯގާތެރި ވުން” ތޯއެވެ. މިހެންމިދަންނަވާލީ އާއްމު ވާހަކަ ދެއްކުމުގައި އަޅުގަނޑު މެންކިޔަނީ އޭނާއަކީ “އޯގާތެރި” އެކެވެ. އޯގާވެރި” އެއް ނޫނެވެ.