ޚަބަރު

ޕްރައިމަރީއަށް މާދަމާވެސް ފޯމް ބަލައިގަންނާނެ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަ ކުރުމަށް މާދަމާވެސް ފޯމް ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައެވެ.

އެޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ކުރިމަތިލާން ބޭނުންވާ ދާއިރާއެއްގެ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ.

އެ ޕާޓީން މިއަދު ބުނީ މާދަމާއަކީ ހުކުރު ދުވަސް ނަމަވެސް ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުންގެ ފޯމްތައް ބަލައިގަތުމުން މެންދުރު ފަހު 14:00 ފެށިގެން 18:00 އެމްޑީޕީގެ ރަސްމީ އޮފީހުގައި ކުރިއަށްދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފަރާތުން ތާއީދު އޮތްކަން އަންގައިދޭ ލިޔުމެއްވެސް ހުށައަޅަންޖެހެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!