ވިޔަފާރި

އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އެޗްޑީސީން ސޮއިކުރުން--

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމްއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދަން ނިންމައިފި އެވެ.

Ads by STELCO

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ޕްރޮގްރާމްގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް ބައިވެރިވަމުންދާއިރު އެޗްޑީސީން މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ.

ކުޑަގިރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފް ޖަމީލެވެ.

އެއް މިލިއަން ގަސް އިންދުމަށް އެޗްޑީސީން ތައްޔާރުވަމުންދާ އިރު އެކަމަަށްޓަކައި އެ ކުންފުނިން ވަނީ ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ނާސަރީގައި ހައްދާ ގަސްތައް ހުޅުމާލެއާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާނެ އެވެެ.

"މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ހިފާފައިވާ އަމާޒަށް ވާސިލުވާން މަގުފަހިވާނެ. އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ." އެޗްޑީސީން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުންޏެވެ.