ޚަބަރު ސަރުކާރު

ފަޅުން ބައެއް ޝީޓް ޕައިލްކޮށް، 4 ލޭނު ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ދެން އިމޭޖްސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިހާރު ލޯކަލް މާރުކޭޓު ހުރި ހިސާބާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިހާރު ލޯކަލް މާރުކޭޓު ހުރި ހިސާބާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. މި ފެށޭ ރޯދަ މަސް ނިމެންވާއިރަށް އެ ކުންފުނިން މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަގު ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް. މޫދުން ވެސް ބައެއް ނަގައި ޝީޓް ޕައިލްކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް އަޑީގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ތަރައްގީ ކުރެވި، ތާރު އެޅި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ރަމަޟާން މަސް ފެށޭ ތަނުން ފެށި، މި އަހަރު ނިމޭއިރަށް ނިންމައި ހުޅުވާނަން،"

އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވުމާ އެކު، އެމްޓީސީސީ އާ ހަވާލުކުރާ މަސައްކަތް ކުރާނީ ވަކި މަސައްކަތެއްގެ ގޮތުގައި ކަމުގަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމުގަ އެވެ.

"މިހާރު އޭގެ ފީސިބިލިޓީ އާއެކީގައި ދެން ހުންނަ މަރުހަލާތައް އެ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އެބަދޭ. އެ ކަންކަން ނިމި ބަޔަކު ހޯދައި އަމަލީ މަސައްކަތް ފެށުމާ ހަމައަށް ދާނެ. އެހެންވީމާ އެއީ ފައިނޭންސް ކޮންފާމްޑް، ހުރިހާ ކަމެއް ހަމަޖެހިފައިވާ މަޝްރޫއެއް ވީމާ މިހާރު ހަމައެކަނި އަމަލީ މަސައްކަތަށް ދިއުމަށް ޓަކައި ހުންނަ ކަންކަން އެ ކުރިއަށް ދަނީ،"

މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމިއިރު، އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން އަމީނީ މަގާ ގުޅޭ ހިސާބަށް ބޮޑުތަކުރުފާނު މަގުގައި ވަނީ ތާރު އަޅާފަ އެވެ.

  1. ޕްލޭނަރ

    ޕްލޭން ކޮށް، ކުރަން ނިންމާފަ ހުރި ކަންކަން އަވަސް ކޮށްބަލަ. މާލޭ ބަނދަރު ތިލަ ފުއްޓަށް. އިތުރު ބަނދަރުތައް ކުޅުދުއްފުށި އަދި އައްޑޫގަ ތަރައްގީކުރުން.

    ތިޔަ ޝީޓު ޕައިލަށްވުރެ ހަރަދު ކުޑަވާނެ އަތޮޅު ފިހާރަ އަދި ލޯކަލް މާރުކޭޓު އެސަރަހައްދުން ނަގައި މަގު ބޮޑުކުރިއްޔާ.

    ޓީ ޖެޓީ ސަރަހައްދުގަ ހުރި ފުޑްކޯޓު ތަކުގެ ބަދަލުގަ އެވެސް ބަނދަރާ ގުޅުން ހުރި ތަނަކަށް ހެދިއްޔާ.

    އިންޑަސްޓްރިއަލް ސަރަހައްދުގަ ހުރި ހުސް ބިންތައް ތަރައްގީ ކުރިއްޔާ.

    އަމީނީ މަގުން ދެކުނަށް ހުރި ހުސް ބިންތަކުގަ، އެއް ބުރިއަށް ހުރި ސިފައިންގެ މީހުން ދިރިއުޅޭ ތަންތަން…ހައްތަހާވެސް ތަރައްގީ ކުރެވޭނޭ ތަންތަން.

    ކުއްލިއަކަށް ހިޔާލަށް އަންނަ ކަމަކަށް ބިލިއަން ރުފިޔާ ހަރަދު ނުކޮށް، ހަރަދު ކުޑަ އެންމެންނަށް އޭގެ ފައިދާ ވާނެ ކަންކަން ކޮށްބަލަ.