ޚަބަރު ސަރުކާރު

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހަނދު ސާބިތުކުރުމަށް ފަލަކީ ކޮމިޓީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، މި އަހަރު ވެސް ހަނދު ސާބިތުކުރުމަށް ފަލަކީ ކޮމިޓީން ބޭއްވި ޖަލްސާއަށް ފަހު، މާދަމާ (މާޗް މަހުގެ 1) ވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޖަލްސާގައި ހަނދު ސާބިތުވިކަން އިއުލާނުކުރައްވައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ހަސަނެވެ.

ބަޔާނުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ގައުމުތަކަށް މި އަހަރުގެ ރޯދަ މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާޗް މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލަކީ ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިއްޖެ ނަމަ، އެކަން އެ ރަށު ކޯޓު މެދުވެރިކޮށް އެންގުމެވެ. އަދި އިސްލާމީ އެހެން ގައުމުތަކަށް ހަނދު ފެނޭތޯ ވެސް ބަލަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދު ވާނެ އެވެ. ސަރުކާރުގެ އޮފީސްތައް ރޯދަ މަހު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ރޯދައިގެ ފަހު 10 ދުވަހު ސަރުކާރު ބަންދުވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

ރޯދަ މަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 ޖަހަންދެނެވެ. ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.