ޚަބަރު

ލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވަން ދިގު ކިޔުއެއް ، އެންމެ ބޮޑަށް ބޭނުންވަނީ ފައިސާ ފޮނުވޭނެ ގޮތެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ކާފިއު އިއުލާންކޮށްފައިވާ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބޭނުންވާ ސާމާނު ފޮނުވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދިނުމާއެކު ތަކެތި ހަވާލުކުރުމަށް ގިނަބަޔަކު މިއަދު ކިޔު ހަދާލައިފިއެވެ.

Ads by STELCO

މިއަދު 9:30 އިން ފެށިގެން ތަކެއްޗާއި ހަވާލުވުން ހަމަޖައްސާފައި އޮތީ ގުރޭޓާ މާލެ ބަސް ޓާމިނަލުންނެވެ. މިހާތަނަށް ވަރަށް ގިނަ ބަޔަކު ވަނީ އެމީހުންގެ އާއިލާތަކަށް ފޮނުވުމަށް ތަކެތި ހަވާލުކޮށްފައެވެ.

ސަރުކާރުން ޗާޓަރު ކުރާ ފުލައިޓެއްގައި އެހީގެ ތަކެތި ސްރީލަންކާއަށް ފޮނުވަނީ ކޮންމެ އާދީއްތަ ދުވަހަކުއެވެ. އެހީގެ ގޮތުގައި ފޮނުވެނީ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ސާމާނުތަކެވެ. ނަމަވެސް ސްރީލަންކާގައި ދިރިއުޅޭ 15 ހާހެއްހާ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އެދުމަކީ ފައިސާ ފޮނުވޭނެ ގޮތެއް ވުމެވެ.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވުމާއެކު އޭޓީއެމްއަށް ދިޔުން ވެސް ވަނީ ދަތިކަމަކަށް ވެފައިކަމަށާއި އަދި ދެވޭ ފަހަރަކު ވެސް އޭޓީއެމްގައި ފައިސާ ނުހުރުން ފަދަ ކަންކަން ދިމާވާކަމަށް ލަންކާގައި ތިބި ބައެއް ދިވެހިން ''ދެން''އާއި ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިން ބޭނުން ނުކުރާ މީހުންނާއި ކޭޝްކާޑު ނުގެންގުޅޭ ކިތަންމެ ބަޔަކު ވެސް އެބަތިބި ކަމަށާއި އާންމުކޮށް އެމީހުންނަށް ފައިސާ ފޮނުވަމުން ދިޔައީ ލަންކާ އަށް ދާމީހުންގެ ހަވާލުގައި އަތުން އަތަށް ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.އަދި ގިނަ މީހުންގެ އަތުން މިހާރު ފައިސާ ހުސްވަމުންދާ ކަމަށާއި އެފަދަ މީހުންގެ އެދުމަކީ އެމްބަސީގައި ރަޖިސްޓްރީކޮށްގެން އަދި އެމްބަސީ އިން ދޫކުރާ ގޮތަށް ނަމަވެސް ފައިސާ ފޮނުވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!