ޚަބަރު

ފެނަކައިންވެސް ކަސްޓަމަރުންނަށްވެސް ފެނާއި ކަރަންޓު ބިލުން ރޯދަ ޑިސްކައުންޓް ދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފެނަކަ އޮފީސް ހިމެނޭ އިމާރާތް/ ފޮޓޯ: ދެން

ކަސްޓަމަރުންނަށްވެސް މި ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަމަށް ފެނަކައިން ބުނެފި އެވެ.

އެ ކުންފުނިން އާއްމުކުރި ބަޔާނެއްގައި ބުނީ، ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސްގެ ނިންމެވުން ތަންފީޒު ކުރުމުގެގޮތުން ރައީސް އޮފީހާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ހުރިހާ ޔޫޓިލިޓީ ކުންފުނިތަކުގެ މެދުގައި ކުރެވުނު މަޝްވަރާއިން އެއްބަސްވެވިފައިވާ ގޮތުގެމަތިން ފެނަކައިން ވެސް ރޯދަ މަހުގެ ނިޔަލަށް ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓުގެ ހިދުމަތަށް 4 ގޮތަކަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޑިސްކައުންޓް ދެވޭ ގޮތްތައް:

  1. 2024 ވަނަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަ ކުރެވުނު ފެބްރުއަރީ، މާޗް އަދި އޭޕްރިލް 03 މަސް އުނި ކުރުމަށްފަހު، ބާކީ 09 މަހުގެ ފެން އަދި ކަރަންޓު ބިލުގެ އެވަރެޖަށް ވާ މިންވަރަށްވުރެ، މި ރޯދަ މަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުރުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
  2. ފާއިތުވި އަހަރުގެ އެވަރެޖާއި މި ރޯދަ މަހުގެ ބިލުގެ ފަރަގު، ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
  3. މި ރޯދަ މަހުގެ ބިލްގެ އަދަދު ފާއިތުވި އަހަރުގެ އެވަރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
  4. ފެނާއި ކަރަންޓުގެ ހިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށް ރޯދަ މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

ފެނަކައިން ބުނީ ރޯދަ މަސް ނިމިގެން ލިބޭ ފެން ބިލާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާކުރެއްވުމަށް ކަސްޓަމަރުންނަށް ފަސޭހަވެ، ފެން ބިލާއި ކަރަންޓު ބިލް ބޮޑުވެގެން ނުދާނެކަމުގެ ޔަގީންކަން ލިބިގެން ދާނެ ކަމަށެވެ.