ގެސްޓް ހައުސްއެއްގެ ވައިގޮޅިން މީހަކު ވެއްޓިއްޖެ

މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް ވެއްޓުނު މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ވެއްޓިފައިވާ މީހާ ކައިރީގައި ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަ މަންޒަރެވެ. އެ މީހާއަށް އެހީތެރިވާ ތަނާ އަދި އަށިގަނޑަށް ލައިގެން ނެރެގެން ގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
ވީޑިއޯ ހިއްސާކޮށް "އެމްވީކްރައިސް" އިން ބުނެފައި ވަނީ އެ މީހާ ވެއްޓިފައި ވަނީ މީރުމާ ހޮޓަލުގެ ވައިގޮޅިއަށް ކަމަށެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރޭ މެންދަމު 2:55 ހާއިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ވައިގޮޅިއަށް ވެއްޓުނު މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
