ހައްގުތަކަށް އަރައިގަނެ، ސިޔާސީ ހަރަކާތަށް ހުރަސް އެޅުން ހުއްޓުވަން ކޮމިޝަންތަކުން ވަނީ ނުކުޅެދިފައި: އެމްޑީޕީ

ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް އަރައިގަނެ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ މެދު ފިޔަވަޅެއް އެޅުމަށް މުސްތަގިއްލު ކޮމިޝަންތަކުން ވަނީ ނުކުޅެދިފައި ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން އެހެން ބުނެފައި ވަނީ އެ ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން މުޒާހަރާއެއްގައި ރައީސްގެ ދަރިކަލަކަށް ތުހުމަތުކޮށް ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.
މަންދީގެ ވާހަކަތައް ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ރޭ ބަޔާނެއް ނެރެފަ އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ސަރުކާރާ ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ބުނެ އީސީ އާއި އެޗްއާރުސީއެމުން ނެރުނު ބަޔާންތަކަކީ ރައީސްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ނެރުނު ސިޔާސީ ބަޔާންތަކެއް ކަަމަށެވެ.
މަންދީ ދެއްކި ވާހަކަތަކަކީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ދެއްކި ވާހަކަތަކެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.
"އެ މުޒާހަރާގައި މި ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީއިން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެކެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރުމެވެ،" ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނި ގޮތުގައި ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ އާންމުންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި އާންމުންނަށް ކުރަމުންދާ ފުރައްސާރަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގަ އެވެ.
އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާ އަދި އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ރައީސް އަރައިގަންނަމުންދާއިރު، އެ ގައިރު ގާނޫނީ އަމަލުތަކާ މެދު ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމް ވަނީ ނުކުޅެދިފައި ކަމަށެވެ. ނަމަވެސް ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުންދާ ހިތްވަރުގަދަ އާންމުންނާ ދެކޮޅަށް ބަޔާން ނެރުމަށް އަވަސްވެގަނެ، ވަކި އާއިލާއެއްގެ މަސްލަހަތު ދަނީ ހިމާޔަތް ކުރަމުން ކަމަށެވެ.
ހަމައެގޮތަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އީސީން ވެސް އެ މަސައްކަތަށް އެއްބާރުލުންދީ ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ދަނީ ވާގިވެރިވަމުން ކަމަށް އެ ޕާޓީން ބުންޏެވެ.
އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެމްބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށް ވެފައިވާ ކަމުގަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހިކޮށްދިނުން ހުއްޓައިލުމަށް ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އީސީގެ ބަޔާނުގައި ވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ހަނދާންކޮށްދީފަ އެވެ.
އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ކޮމިޝަނުން ވަނީ ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން ކުށްވެރިކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ފާހަގަކޮށްފަ އެވެ. އެކަން ކުށްވެރިކޮށް އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފަ އެވެ.
ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހަައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށްވާއިރު، އެ ކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސީދާގޮތުން އަދި ނުސީދާގޮތަކުން ވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.