ދީން

ފާފަ ކުރަން ކަނު އަނދިރި ތަންތަން ފެންނަ މީހާއަށް ސަޖިދަ ޖަހަން ދިއްލައި އަޅައިފައި ހުންނަ ތަންތަން ނުފެންނަކަމީ އަޖައިބެކެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީ ހިނދު އަޅުގަނޑުމެންގެ މައްޗަށް ﷲ ތަޢާލާ ކުރުން ލާޒިމް ކުރައްވާފައިވާ އެތައް ކަމެއް އެބަހުއްޓެވެ. ނަމާދު ގާއިމު ކުރުމާއި ފާފަތަކާ ދުރުހެލިވުމެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް މިކަން އެނގެއެވެ. ނަމަވެސް މި ވާހަކަ މީހަކު ދައްކައިފި ނަމަ ތިޔައީ ތުއްތުކުދިންނަށް ވެސް އެނގޭވަރުގެ ވާހަކައެއް ނޫންހޭ ބުނެއެވެ. ސުވާލަކީ މި ހުރިހައި ކަމެއް އެނގިހުރެ ވެސް މި ކަންކަމާ މެދު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޣާފިލް ވަނީ ކީއްވެގެން ބާވައެވެ.

Ads by STELCO

ނަމާދަކީ އަޅުގަނޑުމެން ހުރިހައި މުސްލިމުންގެ މައްޗަށް ކުރުމަށް ވާޖިބު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވާ ކަމެކެވެ. ނަމާދަކީ ދީނުގެ ތަބެވެ. ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ނަމާދަށް ރައްކާތެރިވުމަށް ތަކުރާރުކޮށް ހަނދުމަ ކޮށްދެއްވާފައި ވެއެވެ.

އައްނިސާ ސޫރަތުގެ 103 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ހަމަ ކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި ވެއެވެ."

ނަމާދު ކުރުމަށް އަޅުގަނޑުމެން މުސްލިމުންނަށް އިސްލާމް ދީނުގައި މިހާ މަތިވެރި އަމުރަކުން ވަނީ އަމުރު ކުރައްވާފައެވެ. ނަމާދު އަޅައިފިމީހާ ދީން މުގުރާލައިފިކަމަށް ރަސޫލާގެ ހަދީޡް ބަސްފުޅުތަކުން ސާބިތުވާން އެބަހުއްޓެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އަޅުގަނޑުމެންނަށް އާންމުކޮށް ފެންނަ މަންޒަރަކީ ނަމާދަށް ބަންގި ގޮވާ ޖަމާއަތުގައި ނަމާދު ކުރާއިރު ވެސް އެ ގޮވާލުމަށް އިޖާބަ ނުދީ މިސްކިތް ވަށައިގެން މީހުން ހޭލަމޭލައަށް އުޅޭ މަންޒަރެވެ. ފަލާހާއި ކާމިޔާބު ހޯދުމަށް އެކަން މިންވަރު ކުރައްވާ ﷲ ތަޢާލާއަށް ކުއްތަށް ވުމަށް ގޮވާލެވޭ ނިދާއަށް ފުރަގަސްދީ ދާ މަންޒަރެެވެ.

މިތުރާއެވެ. ނިކަން ވިސްނާލަަބަލާށެވެ.ފުޓުބޯޅަ މެޗެއްގެ ދިގުމިނަކީ 90 މިނެޓެވެ. ފިލްމެއްގެ ދިގުމިނަކީ މަދުވެގެން ވެސް ދޮޅު ގަޑިއިރު ކަމަށް ބަލަމާ ހިނގާށެވެ. ރައްޓެހިންނާއެކު ކޮފީއަށް އަރާ ވާހަކަ ދައްކަން ކޮންމެ ވަގުތަކުވެސް ތިބެވިދާނެއެވެ. މުހިއްމު ބައްދަލުވުންތައް ކޮންމެ ވަގުތަކުވެސް ބޭއްވިދާނެއެވެ. ނަމަވެސް ނަމާދެއް ކޮށްލުމަށް ނަގާނީ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓެވެ. އެންމެ ގިނަވެގެން ވެސް 10 ވަރަކަށް މިނެޓެވެ. އެ 10 ވަރަކަށް މިނެޓު ނަމާދު ކޮށްލައިގެން ތިޔަ ދާން އުޅޭތާކަށް ދިޔަޔަސް ދެވޭނެ ނޫން ހެއްޔެވެ. ދާން އުޅޭތާކަށް ކޮންމެ ވަގުތަކު ވެސް ދެވިދާނެއެވެ. ނަމަވެސް ނަމާދަކީ "ވަގުތު ކަނޑައެޅިގެން" އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން ނަމާދުގެ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އެހެނިހެން ބޮޑެތި ފާފަ ކުރުމުގައި މަގު ގެއްލިފައިވާ ޒުވާނާ  ވެސް ދިއްލާ އަޅާފައިވާ މިސްކިތް ކައިރިން ގޮސް، ފާފައަށް އަރައިގަތުމަށް ދަނީ މީސްތަކުންނަށް ނުފެންނަ ނުވަތަ ފޮރުވިފައިވާ ތަނަކަށެވެ. އެހެން ނަމަވެސް ޒުވާނާއެވެ. ވިސްނާލާށެވެ. ކޮންމެ ތަނަކަށް ވަދެ ތިޔަ އަމަލުތައް ކުރި ނަމަވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެއީ އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އަދި އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އިލާހެވެ. ކަޅު އަނދިރި ރޭރޭ ކަޅު ހިލަތަކުގެ މަތީގައި ކަޅު ހިނި ހިރޭ ހިރުން ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

އެކުވެރިޔާއެވެ. ތިބާގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ ނަމާދާއެވެ. ނަމާދަކީ ޤިޔާމަތް ދުވަހު އެކަމާމެދު އެންމެ ފުރަތަމަ ވެސް ސުވާލު ކުރެވޭނެ އަޅުކަމެވެ. ނަމާދަކީ ބޮޑެތި ކަންކަމުން ސަލާމަތްވުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމެވެ. އެއީ ފާހިޝް ކަންތައްތަކުން އިންސާނާ ރައްކާތެރިކޮށްދޭ އިލާހީ އައްޑަނައެކެވެ. އަަދި ހަމަ އެހެންމެ ނަމާދަކީ ކުށް ފާފައިގެ ކައްފާރާއެކެވެ. ގޭ ދޮރުމަތީގައި އޮންނަ ފެންގަނޑަކުން ރެއަކާއި ދުވާލު ފަސްފަހަރަށް ހިނައި ތޯހިރުވުމުން މީހާގެ ހަށިގަނޑު ސާފުވާ ފަދައިން ނަމާދުގެ ސަބަބުން ފާފަތަކުން މީހާ ތާހިރުވެއެވެ.

ނަމާދު ކުރުމަށް އިސްލާމްދީނުގައި މިހާމަތިވެރި އަމުރަކުން އަމުރުކުރައްވާ އަދި ނަމާދުގެ ސަބަބުން އިންސާނާއަށް ދުނިޔޭގައި އަދި އާޚިރަތުގައިވެސް ލިބޭ ފައިދާތައް ބަޔާން ކުރައްވާފައިވާ އިރު ނަމާދަށް ނުގޮސް އެހެން ތަންތަނަށް މީހުން ދާ ކަމީ ހައިރާން ވާން ޖެހޭ ކަމެކެވެ. ދުނިޔޭގައިވެސް އާޚިރަތުގައި ވެސް ބާއްޖަވެރިކަން ލިބެން އޮތީ ނަމާދު ކުރުމުގައި ދެމިހުރެގެންނެވެ. އެހެންކަމުން ފާފަކުރުމަށް އަނދިރި އަދި ފޮރުވިފައި ހުންނަ ތަންތަން ފެންނަ މީހާއަށް ނަމާދު ކުރުމަށް ދިއްލާ އަޅާފައިވާ މިސްކިތް ނުފެނުމަކީ ވަރަށް ބޮޑަށް އަޖައިބުވެ އަންތަރީސްވާ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!