އެހާރާއި މިހާރު... އަންތަރީސްވާވަރުވޭ!
ކޮވިޑް 19އާ ގުޅިގެން އިޖުތިމާއީ ގައިދުރުކުރުމަށާއި ގެތަކުގައި ތިބުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުން އަންނަ އިރު މީސް މީޑިއާގެ އެކި މަންސަތައްވަނީ އެކިއެކި ޗެލެންޖުތަކާއި ކުޅިވަރުތަކުން ފުނިޖެހިފައެވެ. އެގޮތުން ޓޮއިލެޓް ޕޭޕާ ޗެލެންޖާއި، އެގް ޗެލެންޖާއި ޕްރޮފެޝަން ޗެލެންޖާއި މިގެން ގޮސް އެތައް ޗެލެންޖެއްވަނީ ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ.
މި ޗެލެންޖުތަކާއި ކުޅިވަރުތަކުގެ ތެރެއަށް އަނެއްކާވެސް މިވަނީ އާ ކަމެއް ތައާރަފްވެފައެވެ. މިފަހަރު ތައާރަފްކޮށްގެން އުޅޭ ކަމަކީ އެހާރާއި މިހާރުގެ ފޮޓޯއެއް ހިއްސާކުރަން ޖެހޭ ޗެލެންޖެކެވެ. މި ޗެލެންޖު އެންމެ ބޮޑަށް ވަކިހިއްޕާލައިފައިވަނީ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މީސް މީޑިއާގެ މަންސައެއްކަމުގައިވާ ފޭސްބުކްގައެވެ. ދިވެހިންގެ ތެރޭގައި މި ޗެލެންޖުގެ ފޯރި އިންތިހާއަށް ގަދަވެ މިހާރު ދަނީ ފޭސްބުކް ޕޭޖެއް ހަދައިގެން އެ ޕޭޖު މެދުވެރިކޮށްވެސް ގިނަ ބައެއްގެ އެހާރާއި މިހާރުގެ ފޮޓޯ ހިއްސާކުރަމުންނެވެ.
ބައެއް ފަރާތްތައް ކުޑައިރު ހުންނަ ގޮތާއި މިހާރު ހުންނަ ގޮތާއި ވައްތަރުއިރު އަނެއްބައި މީހުން ހާސް ގުނަ ތަފާތެވެ. އެހެންކަމުން މި ޗެލެންޖުގައި ބައިވެރިވާ މީހާގެ ރައްޓެހިންނާއި، އެނޫންވެސް ފަރާތްތަކަށް މިކަން ވެގެންދާނީ ބޮޑު ސަޕްރައިޒަކަށެވެ. އެހެނީ އެމީހަކު ކުޑައިރު ހުންނަ ގޮތް ގިނަ ފަހަރު އެމީހުންނަށް ފެނިފައި ނުވާނެތީއެވެ. އަދި އެންމެ ކުޑަމިނުން ކުޑައިރުގެ ފޮޓޯގަނޑެއްްހާ ހިސާބުވެސް ފެނިފައި ނުވާނެތީއެވެ.
ކޮންމެހެނަކަސް މި ޗެލެންޖެ އަވައިގައި އެތައް ބަޔަކު ޖެހިފައިވާއިރު، ވިސްނުމުގައި ބަހަށްޓަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ މިފަދަ ޗެލެންޖުތަކަކީ ހަނގާކުރުމަށް (ދިމާކުރުން/ ބުލީކުރުން) އަށް މަގުފަހިވާ ކަމެއް ކަމެކެވެ. ފަހަރުގައި މިހާރު ހުންނަ ގޮތާއި ކުރިން ހުންނަ ގޮތާއި ވައްތަރު ނޫން ކަމުން މަލާމާތް ކުރެވޭ ފަހަރު އާދެއެވެ. ނޭނގި ނަމަވެސް "ހަހަ" ރިއޭކްޓެއް ކޮށްލެވެއެވެ. ނުވަތަ މަލަމާތް ކުރުމުގެ ގޮތުން ކޮންމެވެސް ޖުމްލައެއް ޖަހައިލުމަށްފަހު އެއްކަލަ އެހާރާއި މިހާރުގެ ފޮޓޯ އަމިއްލަ ވޯލްގައި ހިއްސާކޮށްލެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް އެ ފޮޓޯ ފެނި ނޭނގުމުގެ ތެރޭގައި ހަނގާއަށް މަގުފަހިވެއެވެ.
މީސް މީޑިއާ މެދުވެރިކޮށް މިފަދަ ޗެލެންޖުތަކުގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ކުށެއްވެސް ނޫނެވެ. އިމުގެ ތެރެއިން އެކަން ކުރަނީ ނަމަ މިއީވެސް މިފަދަ ދަނޑިވަޅެއްގައި ފޫހިފިލުވުމަށް ކުރެވިދާނެ ކަމެކެވެ.