އައްޑޫގެ ކަރަންޓާ ގުޅޭގޮތުން ފެނަކައިގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ދައުރުކުރަނީ

އައްޑޫގެ ކަރަންޓުގެ މައްސަލަަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން ގާއިމުކޮށް ހަގީގަތް އޮޅުވާލުމުގެ ގޮތުން ފެނަކައިގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ދައުރުކުރަމުންދާކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން މިރޭ ނެރުނު ނޫސް ބަޔާނުގައި ދައުުރުވަމުންދާ ލިޔުމަކީ ފެނަކައިގެ އިންޓާނަލް މެމޯއެއް ކަމަށް ދައްކަން އެ ކުންފުނީގެ ލެޓާ ހެޑާއި ލޯގޯ އަދި ނަން ހިމަނައިގެން ހަދައިފައިވާ ލިޔުމެއް ކަމަށެވެ.
އެެހެންވެ އެކަން ކުށްވެރިކޮށް އެކަން ނުކުރުމަށް ވެސް ފެނަކައިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފެނަކައިން ބުނީ އައްޑޫގެ ޕަވާ ސްޓޭޝަންގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރާނީ ހިތަދޫ ބްރާންޗާއި މަރަދޫ ފޭދޫ ބްރާންޗްގެ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ވައިބާ ގްރޫޕް މެދުވެރިކޮށް ކަމަށެވެ
"އަދި އިތުރަށް ހިއްސާކުރެވޭ މައުލޫމާތުތައް ހިއްސާކުރަމުންދާނީ ކުންފުނީގެ ރަސްމީ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށްކަމުގައި ވެސް ދަންނަވަމެވެ" ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އައްޑޫގެ ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަތައް ދިމާވެ އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ބުނެފައިވެ އެވެ. އަދި އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު އިތުރު އެއް ޖަނެރޭޓަރަށް މައްސަލަަ ދިމާވެ ކަރަންޓު ކަނޑާ ވަގުތުތައް ވަނީ އިތުރުކޮށްފަ އެވެ.
ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުން އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ވަނީ އަމާޒު ހިފައިފަ އެވެ. އެހެން ނަމަވެސް ރޯދަ މަސް ނިމިގެންދާއިރު ވެސް ކަރަންޓުގެ ހާލަތަ ރަނގަޅުނުވާއިރު އެކަން ދަނީ ގޯހުން ގޯހަށެވެ.
