ދުނިޔެ

ކޮވިޑް19: އެންމެ ގިނަ މަރު އެމެރިކާއިން، 2 ލައްކަ ފަހަނަ އަޅާ ގޮސްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މިބަލީގައި މަރުވި މީހުންގެ އަދަދު 2 ލައްކަ ފަހަނަ އަޅާ ގޮސްފިއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާއިން މިހާތަނަށް، 205,199 މީހަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.

Ads by WAMCO

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 24,214 މީހުން ހިމެނޭހެން އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7,072,326 އަށް އަރާފައެވެ. އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ހަ މިލިއަނުން ހަތް މިލިއަނަށް އަރާފައި ވަނީ ތިންވަރަކަށް ހަފްތާ ތެރޭގައެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކެލެފޯނިއާ އާއި ޓެކްސަސް އާއި ފްލޮރިޑާ އާއި ނިއުޔޯކުގެ އިތުރުން ޖޯޖިއާ އާއި އިލިނޮއިސް އަދި އެރިޒޯނާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވި، ނިއު ޔޯކުން މިހާތަނަށް ބަލީގެ 33,183 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. މިގޮތުން މިވަގުތު އެޤައުމުގައި 14,057 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!