ކޮރަޕްޝަނަށް މަގުފަހިވާ މާއްދާ އުވާލަން އޭސީސީން އެދިއްޖެ
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލިއްޔަތު ޤަވާއިދުގައިވާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާ ވެސް އެދިއްޖެއެވެ.
އޭސީސީން އަނެއްކާ ވެސް އުވާލަން އެދިފައިވަނީ ބީލަމަށް ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައިވާ މާއްދާއެވެ. ބީލަމަށް ނުލައި މަޝްރޫއު ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2015ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް އޭރު އެ އިސްލާހަށް ފާޑުކީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ގެންދަވަނީ މިކަން ދަމަހައްޓަމުންނެވެ.
އިސްލާހު ކުރި އެމާއްދާގައިވާ ގޮތުން ސަރުކާރުން ކަނޑައަޅާ ބޮޑު މަޝްރޫއުތަކުގައި ބިޑް ނުކޮށް އަދި ޓެންޑަ އިވެލިއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލާ، އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ބަޔަކާ އެ މަސައްކަތް ހަވާލުކުރެވޭނެ އެވެ.
މިއިސްލާހުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލު އެޅުމުގެ ދެ ބިލިއަން ރުފިޔާގެ މަޝްރޫއު ސިންގަޕޫރުގެ ޗެންހުއާ އަށް ދިނުމުގެ އިތުރުން، ނަސަންދުރަ ޕެލެސް ހޮޓަލް ހުރި ބިން 50 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައި ވެސް ދީފައިވެއެވެ.
އޭސީސީން ކުރިން ވެސް ވަނީ އެމާއްދާ އުވާލުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ ގައި ވެސް އެދިފައެވެ.