މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑީއެސްއެސް ފެސިލިޓީތަކުން ކުރިމަގު ފެންނާނެ: ރައީސް

ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެފަދައިން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ ޗެއާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން ނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ، އަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އާ ސަފްހާއެއް ހުޅުވިގެންދާނޭކަން ފާހަގަކުރެއްވި އެވެ.
ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ގައުމުތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކެއް ކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކޮށް، ވިލުންވެރި ތަރައްގީ ކަށަވަރުކުރުމަކީ އެފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލަސްނުކޮށް ޑީއެސްއެސްގެ މަސައްކަތް ފަށައިގަތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަގައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށެވެ.
އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
އެހެންކަމުން ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.