ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ކެމެރާ ހަރުކުރަން އެޗްއާރުސީއެމްއިން އެދިއްޖެ

ފުލުުހުންގެ ހުރިހާ މަރުކަޒެއްގައި ކެމެރާ ހަރުކުރަން ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް)އިން އެދިއްޖެ އެވެ.
އެޗްއާރުސީއެމްއިން އެފަދައިން އެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި ހާދިސާއާ ގުޅިގެން ނެވެ.
އެޗްއާރުސީއެމްއިން މިރޭ ބުނީ ޖަލުގައި މަރުވާން މަސައްކަތްކުރި މީހާގެ މައްސަލައިގައ ކަން ހިނގިގޮތް ބަލަން ޑިޔުޓީގައި ހަރަކާތްތެރިވި އޮފިސަރުންނާއި އާއިލާގެ ބަހެއް ހޯދަން އެ ކޮމިޝަނުން ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލަށް ޒިޔާރަތްކުރި ކަމަށެވެ.
އަދި ކޮމިޝަނުގެ ތަހުގީގު ޓީމުން، ކުޅުދުއްފުށީގައި ހަރަކާތްތެރި ވަމުންދަނިކޮށް، ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކުރި ހަބަރު ވެސް ލިބުނު ކަމަށެވެ. އެހެންވެ އެ އެކަމުގައި ވެސް ކަންހިނގާފައިވާ ގޮތް ބެލިކަމަށް އެ ކޮމިޝަނުން ބުންޏެވެ
އެ ކޮމިޝަނުން ބުނީ މިހާތަނަށް ކުރި ތަހުގީގުތަތަކުން ފުލުހުންގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ފުލުހުންގެ ހުރިހާ މަރުކަޒުތަކެއްގެ އެތެރެއާއި ބޭރު ފެންނަގޮތަށް ކެމެރާ ހަރުކުރުމަށް އެދިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެޗްއާރުސީއެމްއިން ބުނީ ފުލުހުން އެކަން އަދި ނުކޮށް އޮތީ ބަޖެޓުގެ ދަރިކަން އޮވެގެން ކަމަށާއި އެކަން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށެވެ.
"މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، ބަޖެޓުގެ ދަތިކަން ހުރުމުގެ ސަބަބުން ހުރިހާ ޖަލުތަކާއި، ސްޓޭޝަންތަކާއި މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވެންދެސް، ދައުލަތުގެ ބެލުމުގެ ދަށުން ބަންދު މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތައް ތިބޭ ގޮޅިތައް ގަވާއިދުން، ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓަރ ކުރުމަކީ މުހިންމު ކަމެއްކަމަށްވާތީ، މިފަދައިން މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށްވެސް ގުޅުންހުރި އިދާރާތަކަށް ކޮމިޝަނުން ލަފާދީފައިވާނެ ކަމުގައިވެސް ދަންނަވަމެވެ." އެޗްއާރުސީއެމްއިން ބުންޏެވެ.