ޚަބަރު

"ބޮޑު ޗުއްޓީ ނައިޓް މާކެޓް" މިއަދު ރަސްފަންނުގައި ހުޅުވަނީ

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާ "މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"، ރަސްފަންނުގައި މިއަދު ހުޅުވާނެ ކަމަށް، މާކެޓް އިންތިޒާމްކުރާ ސްކައި ލައިޓް އެޑްވަޓައިޒް އިން ބުނެފި އެވެ.

މިއަދުން ފެށިގެން ޖެނުއަރީ 10، ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށް ގެންދާ ނައިޓް މާކެޓްގައި 230 ސްޓޯލް ހުރެ އެވެ. އޭގެ އިތުރުން ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް، ސްކައި ލައިޓުން ބުނެ އެވެ.

ސްކައި ލައިޓުން ސިފަކުރި ގޮތުގައި މިއީ "މާލޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ނައިޓް މާކެޓަށް ވާނެ" އެވެ.

މި ނައިޓް މާކެޓްގެ ތަފާތުވާނެ އެއް ގޮތަކީ، ސްކައި ލައިޓުން ބުނި ގޮތުގައި، އާ އަހަރާ ގުޅުވައިގެން ފެސްޓިވަލެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދިއުމެވެ.

މި ނައިޓް މާކެޓްގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް ވެސް، ރަސްފަންނުގައި ބާއްވާނެއެވެ.

ނައިޓް މާކެޓަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނަސީބު ނަންބަރު ނެގުން ވެސް އޮވެ އެވެ. ސްކައި ލައިޓުން ބުނީ އެ ނަސީބުވެރިންނަށް އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!