އެތައް ސަކޭތަ ބަޔަކު ކޮންމެ ދުވަހަކު ޑަކްޓަރަށް ދައްކަން އަންނަ ލ.ގަމު ހޮސްޕިޓަލުގައި އެތެރެ ހަށީގެ ޑަކްޓަރެއް ނެތް
ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި އެތެރެހަށީގެ ޚާއްސަ ޑަކްޓަރަކު ނެތް ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަ ޖެނަރަލް މުހައްމަދު އަބްދުއްސަމަދު އޮންލައިން ނޫހެއް ކަމަށްވާ މިހާރުއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރި އެތެރެ ހަށީގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވުމުން އައު ނުކުރި ކަމަށާއި ކައިރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ވާހަކަ ދައްކައިގެން އެކި ތަންތަނުން ހަފުތާއެއްހާ ދުވަހަށް ޑޮކްޓަރުން ގަމަށް ގެންނަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ޑޮކްޓަރުން ގެންނަން ދަތިވެފައި ވަނީ ބަލިމަޑުކަމާ ހެދި ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ކަމަށްވެސް އަބްދުއްސަމަދު ވިދާޅުވިއެވެ.
އއ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައި އޮންނަ ހަ އަތޮޅުން ބޭސްފަރުވާ ހޯދަން މިހާރު ގަމު ހޮސްޕިޓަލަށް އަންނަ ކަމަށާއި އެންމެ ގިނަ މީހުން އެ ރަށަށް ދަނީ ކަށީގެ ޑޮކްޓަރަށާއި ކުޑަކުދިންގެ ޑޮކްޓަރަށާއި އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކަން ކަމަށްވެސް އަބްދުއްސަމަދު ވަނީ ފާހަގަކުރައްވާފައެވެ.
"މީގެ ކުރިން އޯޕީޑީ އިން ދުވާލަކު ބަލަމުން އައީ އާންމުކޮށް 150-200 އެއްހާ ބަލި މީހުން. އެކަމަކު މިހާރު ގާތްގަނޑަކަށް 300-350 އާ ދެމެދުގެ އަދަދަކަށް ބަލި މީހުން ބަލަން،" އޭނާ ވިދާޅުވި އެވެ.
މާލެ ދަތުރުކޮށްފިނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭތީ، މާލެ އައުމުގެ ބަދަލުގައި މާލެއިން ދެކުނު އަތޮޅުތަކުން ގިނަ އަދަދެއްގެ އާންމުން ޑޮކްޓަރަށް ދެއްކުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއެވެ.