ގެއްލުނު މީހާ ވެއްޓުނު ސީދާ ސަރަޙައްދު ނޭގުމަކީ ހޯދުމަށް އޮތް ގޮންޖެހުމެއް: އެމްއެންޑީއެފް
ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާދެމެދުން ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓުނު މީހާ ވެއްޓުނީ ސީދާ ކޮން ސަރަޙައްދަކަށް ކަމެއް ނޭގުމަކީ އޭނާ ހޯދުމަށް އޮތް ގޮންޖެހުމެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރޭ ހިނގި އެ އެކްސިޑެންޓުގައި ގެއްލުނީ ޑިންގީން ދަތުރުކުރި އޭދަފުށީ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، އެވެ. އެ ޑިންގީގައި ދެން ތިބީ ނަސްރުﷲ ގެ އަންހެނުންގެ ދެ ބޭބެ އެކެވެ. އެ ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ދަނީ ފަރުވާ ދެމުންނެވެ.
ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ އެންމެފަހުގެ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރޭ ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ނަސްރުﷲ ހޯދުމަށްޓަކާ ކަނޑުއަޑިންނާއި، ކަނޑުމަތިން އަދި ވައިގެ މަގު ހިމެނޭހެން "ތްރީ ޑައިމެންޝަނަލް ސާރޗެއް" ކުރިއަށްގެންދާކަމަށެވެ.
ނަމަވެސް އޭނާ ހޯދުމަށްޓަކާ ކުރަމުންދާ މަސައްކަތުގައި އަދި އެދެވޭ ކުރިއެރުންތަކެއް ލިބިފައިނުވާކަމަށާއި، އެ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަސްރުﷲ ކަނޑަށް ވެއްޓުނީ ސީދާ ކޮން ސަރަޙައްދަކުންކަމެއް ފާހަގަކުރެވިފައި ނުވާތީކަމަށް ކާނަލް މުޖުތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވެނީ މި އެކްސިޑެންޓު ހިނގި ސަރަޙައްދަކީ ދޮންފަނުގެ ހުޅަނގުދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮވޭ. އެ ފަރު ކައިރިންކަމަށް. ދެން ސީދާ ޕިންޕޮއިންޓްކޮށް އެ ލޮކޭޝަން އަޅުގަނޑުމެންނަށް ނޭންގޭތީ ހަޤީޤަތުގައި އަޅުގަނޑުމެންނަށް ކޮމްޕްލިކޭޓްވެގެން މިއުޅެނީ މި އޮޕަރޭޝަން. ނަމަވެސް އަޅުގަނޑުމެންގެ ހުރިހާ ރިސޯސަސްތަކެއް މިކަމުގައި މިދަނީ ބޭނުންކުރަމުން" ކާނަލް މުޖުތަބާ ވިދާޅުވިއެވެ.
ކާނަލް މުޖުތަބާ ވިދާޅުވީ، ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު ޝަހީދު ޢަލީއާއި، ކޯސްގާޑް ފާމުލަދޭރި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓާއި، ހާބަރ ކްރާފްޓެއްވެސް އެ ސަރަޙައްދުގައި ޑައިވަރުންނާއެކު ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން 120 ސްކޮޔަރ ނޯޓިކަލް މޭލްގެ ސަރަޙައްދެއް ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަސްރުﷲ ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ބ. އަތޮޅުގެ ރިސޯޓުތަކާއި ރަށްރަށުގެ އެހީތެރިކަންވެސް ފުލުހުންނާއި ސިފައިންނަށް ލިބެމުންދާކަން ކާނަލް މުޖުތަބާ ވަނީ ފާހަގަކުރައްވާފައެވެ.
ޙާދިސާއާ ގުޅޭގޮތުން ނަސްރުﷲ ދަތުރުކުރި ޑިންގީގައި ތިބި މީހުންގެ ތެރެއިން ސަލާމަތްވި ދެމީހުންނާ ޙަވާލާދީ، ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ މާޖިދު ވިދާޅުވެފައިވަނީ، ޑިންގީގައި ލޯންޗު އައިސްޖެހުނީ ފަހަތުން ކަމަށެވެ. އަދި ޑިންގީގައި އެމީހުން ނުކުމެ އުޅުނީ މަސްވެރިކަން ކުރަން ކަމަށާ، އެކްސިޑެންޓު ހިނގީ ރަށަށް އެނބުރި އަންނަނިކޮށް ކަމަށްވެސް ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.