ޚަބަރު

ޖިންސީ ކުށްތަކުގައި ވާނުވާ ޖަހާފައި ތިބި މީހުން ދޫނުކުރާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވާނުވާއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން--

ޖިންސީ ކުށްތަކުގައި "ވާނުވާ" ޖަހާފައި ތިބި މީހުން ދޫނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އެކި ކުށްތަކުގައި ބަންދުގައި "ވާނުވާ" ގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަ ބޮޑުވެފައިވާ އިރު އެކަން ހައްލުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް މުއިއްޒުއާ އިއްޔެ ވަނީ ބައްދަލުކުރައްވައި އެ މައްސަލަ ހައްލުކުރަން ހުށަހެޅުންތަކެއް ރައިސްއާ ހިއްސާކުރައްވައިފި އެވެ.

އެގޮތުން ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުސަތު ދިނުމަށް ވެސް އެ ބޭފުުޅުން އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގެ ފަސް ވަނަ އެޕިސޯޑުގައި ރައީސް މިއަދު ވިދާޅުވީ ވާނުވާގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ ގައިގައި "ޓެގު" އެޅުވުމަށް ފަހު އެއް ފުރުސަތު ދިނުމަކީ ކުރެވިދާނެ ކަމެއްތޯ ބަލަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް އެކި ކުށްތަކުގައި ވާނުވާގައި 300 އެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި 100އެއްހާ މީހުން ޖިންސީ ކުށްތަކުގައި ވެސް ވާނުވާ ޖަހާފައި އެބަތިބި ކަމަށެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޖުމްލަކޮށް ޖިންސީ ތުހުމަތުގައި. ޖިންސީ ކުށް ކޮށްގެން ތުހުމަތުގައި. އެފަރާތްތައް ނުހިމަނާ އިނގޭތޯ. އެ ފަރާތްތައް އަޅުގަނޑު ބޭނުމެއްނޫން، ޓެގް އަޅުވާފައިވެސް ގޭގައި ބަންދުކުރާކަށް." ރައީސް ވިދާޅުވި އެވެ.

ވާނުވާގެ ބަންދުގެ މައްސަލަ ހައްލުކުރަން ވަކާލާތު ކުރައްވާ ބޭފުޅުން ހުށަހެޅުއްވި ކަންކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު މިއަދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު އުޝާމްއާ ވެސް މަޝްވަރާކުރައްވައިފަ އެވެ.

Ads by Allied Insurance