ޚަބަރު

ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މާލެއިން 7 މީހަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ހިނގާ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި ދިވެހި ފަސް ފިރިހެނުންނެވެ. އެއީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެކެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މަސްތުގެ ހާލަތުގައިހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ދުއްވި ކާރު ބަލައި ފާސްކުރިއިރު 18 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!