ޚަބަރު

ދައުލަތުގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރަން ޕްރޮގްރާމެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ ވައްޒަފުންގެ ފާފޯމަންސް ހަރުދަނާކުރަން "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027"ގެ ނަމުގައި ޕްރޮގްރާމެއް ރައީސް އޮފީހުން މިއަދު ފަށައިފި އެވެ.

Ads by STELCO

މިއީ ރައީސް  އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އޮފީސް (ޕީއޭއޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަފޯމަންސް މެނޭޖްމަންޓް (ޕީއޭޕީއެމް) ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިންގް ސަލްމާން މިސްކިތުގައި މިއަދު ފެށި އެ ޕްރޮގްރާާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ އަފީފް ހުސެއިން އެވެ،

‎ޢަފީފުގެ ސެޝަންގައި މިއަދު އަލިއަޅުވާލައިފައި ވަނީ "ލީޑިން އެންޑް ޓްރާންސްފޯމިން އަ ނޭޝަން ތްރޫ ސާވިސް އެކްސެލެންސް ކަލްޗާ" ނުވަތަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ސާގާފަތެއްގެ ތެރެއިން ގައުމުގެ ތަސައްވަރު ބަދަލުކުރުމުގެ މައްޗަށެވެ.

އެ ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާނެ އެވެ.

އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީޢާއިންނެވެ.

Ads by Allied Insurance