ރައީސް، ކެއުޅުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެއުޅުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ އެބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދާތީ އުފާކުރާ ކަމަށް ބުނެފައި ކަމަށެވެ.
އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުންއައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެއުޅުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށެވެ.
އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދިނުމަށް އެދުނެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކުރުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށް، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދޭނެކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.