ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް އެޗްޑީސީން މިހާރު ފެންނަން ފަށައިފި: ރައީސް

ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް އެޗްޑީސީން މިހާރު ފެންނަން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް، ނޫނީ ހިންގުމަށް އެކި ބަދަލުތައް އެމަނިކުފާނު ގެންނަވަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ހިންގާ ބޭފުޅުން ބަދަލުކުރުމާއި ޓީމަށް ބަދަލުތައް ގެނައުން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ ގުޑް ގަވަނަންސް އެންޝުއަ ކޮށް ޓްރާންސްޕޭރަންސީ ޔަގީންކުރުމާއެކު ދެފުށް ފެންނަ، ކޮރަޕްޝަން ނައްތައިލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ކުންފުނިތައް ހިންގުން ޔަގީން ކުރުން ކަމަށެވެ.
"އޭގެ ފުރިހަމަކަން، ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ، އެޗްޑީސީއިން މިހާރު މިވަނީ ފެންނަން ފަށާފައި." ރައީސް ވިދާޅުވި އެވެ.
އަދި މިއަދު ތައާރަފްކުރި އެޗްޑީސީގެ އާ ވެބްސައިޓާއެކު ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސްކޮށް އެޗްޑީސީއިން ކުރިއަށްގެންދާ މަޝްރޫއުތަކާއި، ޕްރޮކިއުމެންޓްގެ ތެރެއިން ގެންދާ ކަންކަމުގައި، ދެފުށް ފެންނަކަން ޔަގީންކުރެވި، ގުޑް ގަވަނަންސް، ޗެކް އެންޑް ބެލެންސް ނިޒާމު އެބަ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
