ރާއްޖެ ޖަޒީރާއެއްގެ ގޮތުގައި އޮތުމަކީ ކޮވިޑް-19 އިން ސަލާމަތްވާން ލިބޭ ނިއުމަތެއް: އަމީން
ޖަޒީރާއެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް ލިބިފައިވާ ނިއުމަތެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ހިތޯބެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ގަދަ ރޯޅި ރާއްޖޭޣެ އަސްކަނިތަކާއި ހިސާބަށް ނާންނަ ކަމަށާއި އެހިސާބަށް ގޮސްފި ހިނދެއްގައި ރައްކާތެރިކަން އޮތީ ދުރާލާ އެޅޭ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް މިއަހަރު ފާހަގަކުރަމުންދާއިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މުޅިން އަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރެވިގެން، އެ ހާލަތުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އަވައްޓެރި ގައުމުތައް އަދި މި ބަލިމަޑުކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރަމުންދާ ގައުމުތަކުގެ މަސައްކަތާއި ތަފާތުކޮށް، ރާއްޖެއަށް މި ބަލިން ރައްކާތެރިވުމަށް ހޯދިފައިވާ ކުރިއެރުމާއި ލިބިފައިވާ ކާމިޔާބީއަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގުދުރަތީ ހިތްފަސޭހަކަމާއި، ގުދުރަތީ އަޖައިބުތަކާއި އަދި ރާއްޖޭ އެތުރިފައިވާ ގޮތުން މާތްﷲ ދިވެހިންނަށް ދެއްވާފައިވާ މާތް ނިއުމަތް ހެޔޮގޮތުގައި ބޭނުންކުރަންޖެހޭކަން ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"ރާއްޖެ އުފެދިފައިވާ ގޮތުން ވަކިވަކި ޖަޒީރާތަކެއްގައި އަޅުގަނޑުމެން ދިރިއުޅުމަކީ މިފަދަ ނުރައްކާތެރި ރޯގާއަކުން ސަލާމަތްވުމަށް ލިބިފައި އޮތް މާތް ނިއުމަތެއް" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުން ދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އޭގެ އެންމެ ހެޔޮ ނަތީޖާ ފެނިގެން ދާނީ ހުރިހާ ރައްޔިޔުން އެއްބައެއްގެ ގޮތުގައި އެކުވެރި ބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަލިމަޑުކަމުން މިންޖުވާނެ ދުވަސް ނެގި ނަމަވެސް މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މާހައުލެއް ހޯދައިދެވޭނީ، އާންމު ސިއްހަތު ސަލާމަތްކުރުމަށް މަސައްކަތް ކޮށްގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.