ޚަބަރު

ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދިއްދޫ ލަތީފް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ދެއްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ލައްކަ ދުވަހު ކެތް ކުރެއްވިއްޖެ ކަމަށާއި ކެތްތެރިކަން މިހާރު ކޮޅުންލައިފި ކަމަށެވެ.

މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަންވީ ކަމަށާއި ސަރުކާރު ވައްޓާލާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނާ މެދު ވަމުން އަންނަ އަނިޔާވެރިކަމުގެ ބަދަލުގެ ހިތި ރަހަ ކަރުބުޑުގައި ލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 2019 ވަނަ އަހަރު ނިމިގެން ދިޔައީ ގައުމުގެ ރައްޔިތުންނަށް ހިތާމަވެރި އިހްސާސްތަކެއް ކުރުވަމުން ކަމަށާއި ގައުމުގެ ހާލަތު މިއަށްވުރެ ބޮޑަށް ނިކަމެތިވެފައި އޮތް ދުވަސްވަރެއް ނުދާ ކަމަށެވެ.

ދިއްދޫ ލަތީފަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރު ދެކެ އޭނާ ރުޅިއައީ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ޓިކެޓް ނުދިނުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!