ބީއެމްއެލްގެ ޗެއާޕާސަނާއި ބޯޑު މެމްބަރުން އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަޅައި، އެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި އެވެ.
ބީއެމްއެލްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބް ވަނީ އައްޔަންކޮށްފަ އެވެ. ބީއެމްއެލްގެ ބޯޑަށް ހަބީބް އައްޔަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހަބީބުގެ އިތުރުން ސަރުކާރުން އެ ބޯޑަށް ހުށަހެޅި ހަތް ޑިރެކްޓަރުން އައްޔަންކުރަން ވަނީ ނިންމާފަ އެވެ. އެ ޑިރެކްޓަރުންނަކީ:
- މުހައްމަދު ޝަރީފް، މ. އިފާއު
- ސަހަރު ވަހީދު، މ. ވެލާލުގެ
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
- އާދިލް މޫސާ، ބ. އޭދަފުށި، ފެންއާރު
- މުހައްމަދު ޝާހިދު، ހުޅުމާލެ. ފްލެޓު ނަމްބަރު 90-2-02
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން
- މުހައްމަދު މާއިޒު މުނާޒު، ގ. އަޒާރޯ
އެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ބޯޑަށް އައްޔަންކުރާ ތިން ޑިރެކްޓަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައި ވަނީ ހއ. ފިއްލަދޫ، ކަރަންކާވިލާ، އަބްދުﷲ ނަސީމާއި މ. ދާޝިން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ އަދި މ. ގަސީމު، މޫސާ ރަޝީދެވެ.
