ޚަބަރު

ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން ފުލުހުންނަށް އަދިވެސް އަރައިނުގަނެވޭ: ޕީޖީ އައްބާސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕީޖި އައްބާސް ފުލުހަކަށް އެވޯޑް އަރުވަނީ

ފުލުހުންގެ މުއައްސަސާއާ މެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އެ މުއައްސަސާއަށް އަދިވެސް އަރައިނުގަނެވޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި އައްބާސް މިރޭ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީގެ ހަރަކާތްތައް ގެންނަން މަސައްކަތް ފެށި ހިސާބުން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިހުތިރާމްއަށް ބަދަލު އަންނަން ފެށި ކަމަށެވެ.

ހާއްސަކޮށް ފުލުހުންނަށް އޮންނަ އިތުބާރު ގުރުބާންކޮށް ފުލުހުންނަށް އެކި ނަންނަމުން ގޮވަން ފަށައި އެކި ތުހުމަތުތައް ކުރަން ފެށިކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އެކަން ކޮންމެ ބަޔަކު ކުރި ނަމަވެސް އެތައް ޖީލަކުން އޭގެ އަގު އަދާކުރަން މިހާރު ޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުރެވޭ ގިނަ މަސައްކަތްތަކާއެކު ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަމުން ދިޔަ ނަމަވެސް  ފުލުހުންގެ މުއައްސަސާއާމެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އަދިވެސް އަރައިގެންފައި ނުވާކަން" އައްބާސް ވިދާޅުވި އެވެ.

އަދި ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ފުލުހުން  ކުރަމުން ގެންދާ މަސައްކަތްތައް  އިތުރު ހަރުފަތަކަށް ގެންގޮސްގެން މެނުވީ  ބޭނުންވާ ނަތީޖާ ހާސިލު ނުވާނެ މިންވަރަށް  ތަސައްވަރު ނުސާފުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް. މިއީ ފުލުހުންގެ މުއައްސަސާއަށް ޑިޒާވްވީކަމެއް ވެސް ނޫން. އަދި މިކަމަކީ މިހާރުވެސް ހިނގަމުންދާ ކަމެއް" އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance