ފިހާރަތަކުގައި ތިބޭ މީހުންވެސް އަންގި ލައިގެން މަސައްކަތް ކުރަން އިލްތިމާސްކޮށްފި
ފިހާރަތަކުގައި މަސައްކަތްކުރާ ސޭޓުންވެސް އަންގި ލައިގެން ތިބުމަށް، އައިޖީއެމްއެޗްގެ ޑޮކްޓަރ އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުނުކޮށް އުޅެއް ވެއްޖެނަމަ، އަޅުގަނޑުމެން މިހާރު އޮތް ހާލަތުން އިތުރަށް ހިއްލާލާއިރު އަނެއްކާވެސް ކުރިއަށް އޮތް ތަނުގައި ނުރައްކާ އިތުރުވެގެން ހިނގައިދާނެ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
"ފިހާރަތަކުގައިވެސް ކައުންޓަރުތަކުގައި ތިބޭ މީހުންނާ އެއްޗެތި ގަންނަން އަންނަ މީހުންނާ ދެމެދު މުއާމަލާތްކުރާއިރު އަދި ފައިސާތައް އަތްލާއިރުވެސްވެސް ގްލޯވްސް ލައްްވައިގެން އުޅުމާއި ބަލިވެއްޖެ ހާލަތްތަކުގައި އެފަދަ ތަންތަނަށް ދިއުން ހުއްޓާލުމާއި އަދި އަޅުގަނޑުމެން ދެކެވޭ ވާހަކައެއް މިއީ ކޮންމެވެސް ކަހަލަ ޕާޓިޝަނެއް ޖަހާފަ ކޭޝިއަރުގައި އިންނަ ކުއްޖާއާ ކަސްޓަމާއާ ދެމެދު ޕާޓިޝަނެއް ޖެހުން،" އަފްޒަލް ވިދާޅުވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވަނީ މޫސުމީ ބަލިތައް ކަމަށްވާ ޑެންގީ އަދި ބޭރަށް ހިންގުމުގެ ބަލިތައް އަބަދުވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެހެންކަމުން އެ ކަންކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.