މެލޭޝިއާގައި ތިބި 200 ދިވެއްސަކު ރާއްޖެ ގެނެސްފި
ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގައި ނާދެވި ތިބި ދިވެހިންގެ ތެރެއިން 200 މީހުން ރާއްޖެ ގެނެސްފިއެވެ.
އެމީހުން ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ޚާއްސަ ފްލައިޓެއްގައެވެ. މިފްލައިޓް ރާއްޖެ އައިސްފައި ވަނީ މިއަދުގެ ފަތިހު 4:48 ގައެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭ) އިން ނިންމާފައިވާގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން އެ މީހުން ވެސް ހަމަޖައްސާފައިވާ އުސޫލުން ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ.
ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލާނީ ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނައްސި ވުމުންނެވެ.
ރާއްޖެއިން ބޭރުގައި ނާދެވި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ސްރީލަންކާގައި ތިބި 100 ދިވެހިންނާއި އިންޑިއާގެ ކޮޗިންގައި ތިބި 188 މީހަކު ވަނީ ގެނެސްފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި އިތުރު ދިވެހިންތަކެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.