ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއް، ބައިވެރިން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއާ) ފުލުހުން ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ އެސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ފުލުހުން ބުނީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަނަގައިގެން ކަމަށެވެ.
ނަމަވެސ،ް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށާއި އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށެވެ. ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައ، ރަނގަޅަށް ދިރާސާނުކޮށ،ް ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުނ،ް އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ކުރިމަތިލާންޖެހިފައިވާކަންވެސް ބަޔާނުގައި ފާހަގަކުރި އެވެ.
ސްކީމް ހިންގައ،ި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް ބަޔާނުގައި ބުންޏެވެ.
