ކައުންސިލަރުންނަށް ހާއްސަ ހަތީބުކަމުގެ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކައުންސިލަރުންނަށް ހާއްސަ ހަތީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ކައުންސިލަރުންނަށް އަމާޒުކޮށްގެން ހަތީބުކަމުގެ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކައުންސިލަރަކަށްވުން އަދި ފިރިހެނަކަށްވުން ހިމެނެ އެވެ.
ކޯސް ކުރިއަށްދާނީ 15 ހަފްތާގެ މުއްދަތަށެވެ. ކިޔެވުން އޮންލައިންކޮށް ކުރިއަށްދާްއިރު ކިޔެވުން އޮންނާނީ: ހަފްތާއަކު 5 ދުވަހު (ހަފްތާ ބަންދު ނޫން ހުރިހާ ދުވަހެއް) އެވެ.
ގަޑި އަކީ 20:30 – 22:30 އެވެ. މިނިސްޓްރީން ބުނީ އެ ކޯހުގައި 50 ޖާގަ ހުންނާނެ ކަމަށެވެ.
ކޯހަށް ހޮވުމުގައި ބަލާ މިންގަޑުގެ ތެރޭގައި ކީރިތި ގުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި، ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަކަން ހިމެނެ އެވެ.
ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ސީވީ، އައިޑީ ކާޑުގެ ކޮޕީ އަދި އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓްގެ އިތުރުން ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހިމެނެ އެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖޫން 25 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަ ކުރުމަށް އެދިފައިވެ އެވެ.
