ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތާމެދު މާދަމާ ގޮތެއް ނިންމަނީ
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މުއްދަތު އިތުރުކުރުމާ މެދު ސަރުކާރުން ވިސްނުން ގެންގުޅުއްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކޮވިޑާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނީ މާދަމާ ކަމަށާއި އެ ނިންމުން މާދަމާ ރޭ ހާމަކުރައްވާނެ ކަމަށެވެ.
އަދި މިވަގުތު އެކަމާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މިހާރުވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މުޖުތަމައުގެ ތެރޭގައި މި ބަލި ފެތުރިފައި ހުރިތޯ ބެލުމަށް ހާއްސަ ދިރާސާއެއް ކުރަމުންދާ ކަމަށާއި ނިންމުން ނިންމާއިރު މިފަދަ ހުރިހާ ކަމަކަށް ވެސް ރިއާޔަތް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިއަދު ވަނީ އިތުރު ހަފްތާ އަކަށް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރުމަށް ނިންމާފައެވެ.