ޚަބަރު

އަދީބުގެ ހުކުމް ތަންފީޒުކޮށް މިރޭ ނިމޭނެ، އެކަމަކު މިނިވަނެއް ނުވާނެ: ވަކީލުން

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީޒުކޮށް ނިމޭ ގޮތަށް އޮތަސް، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރެފައިވާ އެހެން އަމުރެއް އޮތުމުން އެއްކޮށް މިނިވަން ނުވާނެ ކަމަށް ވަކީލުން ބުނެފި އެވެ.

Ads by MWSC

އަދީބު، ތިން މަހާއި 18 ދުވަހަށް ޖަލަށްލާން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ފުރުން މަނާ ކޮށްފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި މައްސަލައިގަ އެވެ. އަދީބަށް އެ ހުކުމް އައީ، ދައުލަތުން ކުރި، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި ފަހުން ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލައިފަ އެވެ.

އަދީބުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ އަދީބުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމޭނީ މިރޭ 00:00 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް މިފަހުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ އޭނާ މިނިވަން ނުވާނެއެވެ.

އަދީބު ޖަލަށްލާން ހުކުމް ކުރިޔަސް، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން އަދިވެސް ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!