ލޯފަން މީހުންނަށް ހުވަފެން ފެންނާނެތަ؟
ލޯފަން މީހުންނަށް ހުވަފެން ފެންނާނެ ބާވައެވެ؟ ދުވަހަކު ވެސް މިކަމާމެދު ވިސްނާ ފިކުރު ކޮށްލިން ހެއްޔެވެ؟ ލޯފަން މީހުންނަށް އަޅުގަނޑުމެންނަށް ފެންނަ އެއްޗެހި ސިފަ ކޮށްދިނުމުން އެމީހުންނަށް އެއެއްޗެހި ފެންނާނެ ބާވައެވެ؟ ހައްްތަހާ ވެސް ސުވާލެވެ. މި ސުވާލުތަކުގެ ޖަވާބު އެކި ދިރާސާތަކުގެ އަލީގައި ޖާނަލް ތަކުގައި ލިޔެފައި އެބަހުއްޓެވެ.
ލޯފަން މީހުންނަށް ވެސް ހުވަފެން ފެނޭ
ލޮލަށް ފެންނަ މީހުންނެކޭ އެއްފަދައިން ލޮލަށް ފެނުމުގެ ނަސީބުން މަހުރޫމްވެފައިވާ ލޯފަން މީހުނަށްވެސް ހުވަފެން ފެނެއެވެ. ނަމަވެސް ކިހިނެއް ބާވައެވެ؟ ހުވަފެނަކީ ލޮލުގެ ޒަރީއާއިން ފެންނަ އެއްޗެއް ކަމުގައި ހީކުރި ނަމަވެސް ހަގީގަތުގައި ހުވަފެނުގައި ފެންނަ މަންޒަރުތައް އަޅުގަނޑުމެންނަށް ފެންނަނީ ސިކުޑީގެ ޒަރީއާއިންނެވެ. އެ ފެންނަ ބައެއް މަންޒަރު ތަކަކީ ސިކުނޑީގައި ރައްކާ ކުރެވިފައިވާ މައުލޫމާތެވެ. ނުވަތަ މަންޒަރުތަކެވެ.
ހުވަފެނުގައި ލޯފަން މީހުންނަށް "ފެންނާނެ" ތަ؟
ލޯފަން މީހުންނަށް ހުވަފެނުގައި މަންޒަރުތައް ފެންނާނެބާވައޭ ހިތަށް އަރާދޯއެވެ. އުމުރުން 5 އަހަރުން ދަށުގައި ލޯފަން ވެއްޖެ ނަމަ ނުވަތަ އުފަންވާއިރު ލޯފަން ކުއްޖެއްނަމަ އެކުދިންނަކަށް ހުވަފެނުގައި މަންޒަރެއް ނުފެންނާނެއެވެ. ނަމަވެސް އުމުރުން 5 އަހަރުން މަތީގައި ދިމާވި ކަމެއްގެ ސަބަބުން ނުވަތަ އެހެން ސަބަބަކާހުރެ ވެސް ލޯފަން ވެއްޖެ ނަމަ އެކުދިންނަށް ހުވަފެނުގައި މަންޒަރުތައް ފެންނާނެއެވެ. ސަބަބަކީ އެކުދިންގެ ސިކުނޑީގައި ބައެއް މައުލޫމާތާއި މަންޒަރުތައް ރައްކާކުރެވިފައި ހުންނާނެތީއެވެ.
އުމުރުން 5 އަހަރުން ދަށުގައި ނުވަތަ އުފަންވާއިރު ލޯފަން ކުދިންނަށް ހުވަފެނުގައި މަންޒަރުތަކެއް ނުފެންނާނެއެވެ. ނަމަވެސް އެކުދިންނަށް ހުވަފެނުގައި ބައެއް ކަންކަން އިހްސާސް ވާނެކަމަށް ދިރާސާތަކުން ދައްކައެވެ.
ހުވަފެނުގައި ލޯފަން މީހުންނަށް ފެންނަނީ ކޯޗެއް؟
ދެން އޮތް ސުވާލަކީ ހުވަފެނުގައި ލޯފަން މީހުނަށް ފެންނަނީ ކޯޗެއް ހެއްޔެވެ؟
އަޅުގަނޑުމެން ލޮލަށް ފެންނަ މީހުންނަށްވުރެ ބޮޑަށް ލޮލަށް ނުފެންނަ ލޯފަން މީހުންނަށް ހުވަފެނުގައި ކަންކަން އިހްސާސް ކުރެވޭލެއް މާ ބޮޑު ކަމަށް ވެއެވެ. ސަބަބަކީ އަޅުގަނޑުމެންނަށް ފެންނަ ހުވަފެންތަކުގެ ބޮޑު ބަޔަކީ މަންޒަރު ކަމުގައި ވިޔަސް ލޯފަން މީހުންނަށް ފެންނަ ހުވަފެނުގެ ބޮޑު ރޯލެއްް އަދާ ކުރަނީ އެމީހުންނަށް އިހްސާސް ވާ ކަންތައްތަކެވެ. އޭގެ ތެރޭގައި އެމީހުންނަށް ދުވާ ވަސްތަކާއި، އެމީހުންނަށް ކާއެއްޗެހިން ލާ ރަހަތަކާއި އަދި މީހަކު އަތްލުމުން ނުވަތަ އެހެންވެސް ގޮތަކަށް ކުރެވޭ އިހްސާސްތައް ހިމެނެއެވެ.
ލޯފަން މީހުންނަށާއި އަދި ފެންނަ މީހުންނަށް ވެސް ފެންނަނީ ދާދި އެއްކަހަލަ ހުވަފެންތަކެކެވެ. ނަމަވެސް ހުވަފެނުގެ ސަބަބުން ލޯފަން މީހުންނަށް ކުރާ އަސަރަށްވުރެ ފެންނަ މީހުންނަށް ކުރާ އަސަރު މާ ބޮޑެވެ. އެގޮތުން ބިރުވެރި ހުވަފެނެއް ފެނިގެން ފެންނަ މީހުން އެކަމާ ބިރުން އުޅުނު ނަމަވެސް ލޯފަން މީހުންނަށް އެފަދަ ހުވަފެން ފެނުމުން ކުރާ އަސަރު މާ ބޮޑުތަން ވެސް ކުޑައެވެ. ސަބަބަކީ އެމީހުންނަށް މަންޒަރުގެ ބަދަލުގައި ބޮޑަށް ކުރެވެނީ އިހްސާސް ކަމަށް ވާތީއެވެ.