ގޫގުލް އެކައުންޓްތައް ހެކްކުރާތީ ސަމާލުވާން އެދިއްޖެ

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދިއްޖެ އެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނެ އެވެ.
ނަމަވެސް ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބާ ކްރައިމް ސެންޓަރުން އާންމު ކުރި މައުލޫމާތުގައިވެ އެވެ.
އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފަ އެވެ.
ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅައި އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބާ ކްރައިމް ސެންޓަރުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިން ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ހިދުމަތަށް ވަނީ ފާހަގަވެފަ އެވެ.
ފިޝިން ލިންކުން ވަނީ ކިހިނެއް؟
މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެ އެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެ އެވެ.
އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެ އެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގ ލިންކު ފޮނުވަމުންދެ އެވެ.
ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ފިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:
ޓެލެގްރާމް ސެޓިން
ޕްރައިވަސީ އެންޑް ސެކިއުރިޓީ
ޓޫ-ސްޓެޕް ވެރިފިކޭޝަން
ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
ރިކަވަރީ އީމެއިލް އެޑްކުރުން
ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިން ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
