ޚަބަރު

އިންޑިއާއިން އެމެރިކާއަށް ސްމާޓްފޯނު ސަޕްލައިކުރުމުގައި އެންމެ އިސް ހިއްސާދާރަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޔޫނިއަން މިނިސްޓަރ އަޝްވިނީ ވައިޝްނަވް ވިދާޅުވެފައިވަނީ އިންޑިއާއަކީ މިހާރު އެމެރިކާއަށް ސްމާޓްފޯނު ސަޕްލައިކުރުމުގައި އެންމެ އިސް ހިއްސާދާރު ޤައުމަށް ވެފައިވާ ކަމަށެވެ. އަދި އިލެކްޓްރޯނިކްސް މެނުފެކްޗަރިންގ ދާއިރާގެ އަގު މިހާރު 12 ލައްކަ ކްރޯރް ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ބެންގަލޫރުގައި ބޭއްވުނު މެޓްރޯ ޕްރޮޖެކްޓްތަކެއްގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވައިޝްނަވް ވިދާޅުވީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި އިންޑިއާގެ އިލެކްޓްރޯނިކް އުފެއްދުންތެރިކަން 6 ގުނައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އިލެކްޓްރޯނިކް އެކްސްޕޯޓް 8 ގުނައަށް އިތުރުވެ، 3 ލައްކަ ކްރޯރް ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2014 ގައި އިންޑިއާގައި ހަމައެކަނި 2 މޮބައިލް މެނުފެކްޗަރިންގ ޔުނިޓް ހުރިއިރު، މިއަދު 300 އަށްވުރެ ގިނަ މެނުފެކްޗަރިންގ ޔުނިޓް ހުރިކަން ފާހަގަކުރެވެއެވެ. 2014-15 ގައި އިންޑިއާގައި ވިއްކުނު މޮބައިލް ފޯނުތަކުގެ ތެރެއިން 26 ޕަސެންޓް އެކަނި އުފެއްދީ އިންޑިއާގައި ކަމަށްވާއިރު، މިއަދު އެ ނިސްބަތް 99.2 ޕަސެންޓަށް އަރާފައިވެއެވެ.

"އަޅުގަނޑުމެންގެ އިލެކްޓްރޯނިކް އުފެއްދުންތެރިކަން ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި 6 ގުނައަށް އިތުރުވެފައިވޭ. މިއަދު އިންޑިއާއަކީ ދުނިޔޭގައި މޮބައިލް ފޯނު އުފެއްދުމުގައި ދެވަނައަށް އެންމެ ބޮޑު އުފެއްދުންތެރި ޤައުމަށް ވެފައިވޭ،" މިނިސްޓަރ ވައިޝްނަވް ވިދާޅުވިއެވެ.

މީގެއިތުރުން، މޮބައިލް ފޯނު މެނުފެކްޗަރިންގގެ އަގު 2014 ގެ މާލީ އަހަރުގައި ހުރި 18,900 ކްރޯރް ރުފިޔާއިން 2024 ގެ މާލީ އަހަރުގައި 4,22,000 ކްރޯރް ރުފިޔާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު، އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ މިއަދު ތިން ވަންދޭ ބަރާތް ޓްރެއިން ސަރވިސްއެއް ފަށައިދެއްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!