ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް ރާއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިންތިހާބުވެއްޖެ އެވެ.

Ads by MPL

މި މަޤާމަށް ސަލްމާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެޤްރޫޕަށް ނިޞްބަތްވާ ޤައުމުތައް ތަމްޞީލުކުރުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މަޝްރަހުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. އެގޮތުން ރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފަ އެވެ.

ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިބޭނީ ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

Ads by Ooredoo